ޓެކުހަށް މަކަރު ހެދި މައްސަލާގައި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 21 މަހަށް ޖަލަށްލުމަށް އިއްވި ހުކުމް އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މެސީއާއެކު އޭނާގެ ބައްޕަ ޖޯޖް މެންޑޭޒް ޖަލަށް ލުމަށް ބާސެލޯނާގެ ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަން މެސީގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.

މެސީގެ ގާނޫނީ ޓީމުން އެ ހުކުމް އިސްތިއުނާފް ކުރަން ނިންމާފައިވަނީ މެސީ އާއި އޭނާގެ ބައްޕަ އެއްވެސް ކުށެއް ނުކުރާ ކަމަށް ބުނެ އެވެ.

ޓެކްސް ދެއްކުމުގައި 2007އިން 2009 ވަނަ އަހަރާ ދެމެދު 4.1 މިލިއަން ޔޫރޯ އަށް މަކަރު ހެދިކަން މެސީގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. ޖަލަށް ލުމަށް މެސީގެ މައްޗަށް ހުކުމް އިއްވި ނަމަވެސް، ސްޕެއިންގައި އޮންނަ އުސޫލުގައިވާ ގޮތުން އޭނާ ޖަލުގައި ހުންނަން ނުޖެހި ސަލާމަތްވެވެން އޮވެ އެވެ.

މެސީ އާއި އޭނާގެ ބައްޕަގެ މައްޗަށް ކުރިން އިތުރު ކުށެއް ސާބިތުވެފައި ނުވާތީ، ދެ އަހަރަށްވުރެ ދިގު ނޫން ޖަލު ހުކުމެއް އައުމުން ޖޫރިމަނާ ފައިސާ ދައްކައިގެން ޖަލު ހުކުމް ބާތިލްކުރެވޭނެ އެވެ.