ވޭލްސް ގޮވައިގެން ގެރުތު ބޭލް އަށް އެނބުރި ގައުމަށް ދާން ޖެހި، ޕޯޗުގަލް ގޮވައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޔޫރޯގައި އަލަށް ވާދަކުރަމުންދިޔަ ވޭލްސްގެ މައްޗަށް ޕޯޗުގަލް ކުރި ހޯދީ 2-0 ލަނޑުންނެވެ. މިއީ ޔޫރޯގެ ފައިނަލަށް ޕޯޗުގަލް ދަތުރުކުރި ދެވަނަ ފަހަރެވެ. އޭގެ ކުރިން 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ފައިނަލުގައި ވާދަކޮށް، ޕޯޗުގަލް ބަލިވީ ގްރީސް އަތުންނެވެ.

ނާނިގެ ލަނޑަށްފަހު، ޕޯޗުގަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: ވޭލްސް އަތުން 2-0 ލަނޑުން މޮޅުވެ، ޕޯޗުގަލުން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ވޭލްސް އިން އުފެއްދި ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ ގޯލާ އަމާޒުކޮށްލި އެވެ. އެ ދެ ހަމަލާ ވެސް އުފެއްދީ ގެރެތު ބޭލް އެވެ.

ފުރަތަމަ ހާފުގައި ޕޯޗުގަލުން ހަތަރު ހަމަލާއެއް އުފެއްދި ނަމަވެސް، ވޭލްސްގެ ގޯލާ އަމާޒުކޮށްލެވިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލުން ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ހަމަލާ ވެސް ވަނީ ގޯލުގެ އެތެރެއަށް ވައްދާލައިފަ އެވެ. މެޗުގެ 50 ވަނަ މިނެޓުގައި ރަފައެލް ގުރޭރޯ ނަގައިދިން ހުރަހަކުން ޕޯޗުގަލަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ އޭނާ މި ފަހަރުގެ ޔޫރޯގައި ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ.

ޔޫރޯގެ ސެމީގައި ޕޯޗުގަލާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ޕޯޗުގަލުން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

ޕޯޗުގަލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 53 ވަނަ މިނެޓުގައެވެ. ރޮނާލްޑޯ ދިން ބޯޅައަކުން ޕޯޗުގަލަށް ފަރަގު ބޮޑުކޮށްދިނީ ނާނި އެވެ. އެ ލަނޑަށް ފަހު ވެސް ނާނި އަށް ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވޭލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނާނި އުފެއްދި ހަމަލާ ކީޕަރު ވޭން ހެނެސީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ވޭލްސްގެ ތަރި ބޭލްގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔަ އެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ބޭލް އުފެއްދި ހަމަލާ، ކީޕަރު ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގެ ސެމީގައި ޕޯޗުގަލާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން 2-0 ލަނޑުން މޮޅުވެ، ޕޯޗުގަލުން ވަނީ ފައިނަލުގެ ޖާގައެއް ހޯދާފައި --- ފޮޓޯ: އޭޕީ

އޭގެ ދެ މިނެޓު ފަހުން ޕޯޗުގަލްގެ ޑެނީލޯ ޕެރޭރާ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ވޭލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ ކީޕަރު ހެނެސީ ވަނީ މަތަކޮށްފަ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ވޭލްސްގެ ބޭލް އަށް ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާގެ ހުރަހަކަށްވީ ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ އެވެ.

ޔޫރޯގެ ފައިނަލުގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ފްރާންސާއި ޖަރުމަން ބައްދަލުކުރާ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 10:00 ގައެވެ.