މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މީހެއްގެ މައްޗަށް އެފަދަ އިތުރު މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ކޯޓުން ބުނީ ޕިޖީން މިދިޔަ ފެބްރުއަރީ މަހު ދައުވާކޮށްދިނުމަށް އެދިފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރުގެ އެޕްރީލް 29ގައި ފުލުހުން ހައްޔަރުކޮށްފައިވާ މ. ކުނޑި/ މާލެ އިސްމާއިލް ސަލީމްގެ މައްޗަށް ކަމަށެވެ. އޭނާއަކީ 2003 ގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ހުމުމްކޮށްފައިވާ މީހެކެވެ.

އިސްމާއިލް ސަލީމްގެ މައްޗަށް ދައުލަތުން މިފަހަރު ދައުވާކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގަ އެވެ.

ފުލުހުން މިދިޔަ މަހުގެ 29ގައި ހައްޔަރުކޮށްފައިވާ އިސްމާއިލް ސަލީމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ މ. ކުނޑިގޭގައި ހުރި ކޮޓަރިއެއްގެ ފާހާނާއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުން ކުރާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށްދިޔަ އިރު އިސްމާއީލް ސަލީމް އާއި ގދ. ރަތަފަންދޫ/ޕިންކްރޯސް ޒަހުރިއްޔާ ފެނިފައިވާތީ އެ ދެ މީހުންނާއި އެފާހާނާ ބެލިބެލުމުން އެތަނުން ފެނިފައިވާ ރަބަރުޕެކެޓަކާއި ޕައިޕެއްގައި މަސްތުވާތަކެތި ހުރި ކަމަށް ތަހްލީލް ރިޕޯޓުން ދައްކާތީ އާއި، އެ ދެ މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާތީ ކަމަށް ދައުލަތުގެ ވަކީލް ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ކޯޓުން ބުންޏެވެ.

މީގެއިތުރުން ވެސް އޭނާގެ މައްޗަށް ތަފާތު ހަތަރު މައްސައެއްގައި ހުކުމްކޮށްފައިވާ ކަމަށްވެސް ކޯޓުން ބުނެ އެވެ.