07 Jul 2016, 01:21
އޮލިމްޕިކް ގޭމްސް ފެށެން މަހަކަށްވުރެ ކުރު މުއްދަތަކަށް ވެފައި ވަނިކޮށް، އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖެރާޑޯ މާޓިނޯ، މަގާމުން އިސްތިއުފާ ދީފި އެވެ.
މާޓިނޯގެ އިރުޝާދުގެ ދަށުން ކޮޕާ އެމެރިކާގެ ދެ ފައިނަލުގައި ޗިލީއާ ބައްދަލުކުރަން ޖެހުނު އިރު، އެ ދެ މެޗުގައި ޗިލީ އަތުން އާޖެންޓީނާ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.
މި އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީ އަތުން ބަލިވުމާ ގުޅިގެން އާޖެންޓީނާ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވެސް ވަނީ އެ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކަން އިއުލާން ކޮށްފަ އެވެ.
އިސްތިއުފާ ދިން ސަބަބެއް ކަމަށް މާޓިނޯ ބުނެފައިވަނީ، އޮލިމްޕިކަށް ސްކޮޑެއް އެކުލަވާލުމަށް ދަތިތަކާ ކުރިމަތި ވެފައިވުމާއި، އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ތެރޭގައި މައްސަލަތަކެއް ހުރުން ކަމަށެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާޓިނޯއާ އެކު ޓީމުގެ ޓެކްނިކަލް ޓީމު ވެސް މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ވޯލްޑް ކަޕް 2014 އަށްފަހު އާޖެންޓީނާގެ ގައުމީ ޓީމާ ހަވާލުވި މާޓިނޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 29 މެޗުގެ ތެރެއިން 19 މެޗުން މޮޅުވި އިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަދި އޭގެ ތެރެއިން ހަތް މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.