ސަރުކާރުން ބަލަމުންދާ 67 ކުއްޖަކާއި އެކު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އީދު ފާހަގަކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ "ފިޔަވަތީ"ގައި ސަރުކާރުން ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން ތިން އަހަރާއި 9 އަހަރާއި ދެމެދު އުމުރުފުރައިގެން ކުދިންނާއި އެކު މިއަހަރުގެ ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ކާޓޫން ފިލުމެއްގެ ހާއްސަ ޝޯއެއް ޝުވެކް ސިނަމާގައި މިއަދު އެޅުވިގެން ދިޔަ ކަމަށެވެ.

މިނިސްޓަރު ޒެނީޝާ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ތުއްތު ކުއްޖަކާއި ސަލާމް ކުރައްވަނީ: ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ބުނީ މިނިސްޓަރު ޒެނީޝާ ވެސް އެކުދިންނާއި އެކު ކާޓޫން ފިލްމު ބެއްލެވުމަށް ވަޑައިގެން އެކުދިންނާއި އެކު ވަގުތު ހޭދަކުރެއްވި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބުގައި، ހުޅުމާލޭގެ ފިޔަވަތި އިތުރުން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެން އެ މިނިސްޓްރީ އިން ހާއްސަ ހަރަކާތެއް މާދަމާ ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ "ފިޔަވަތީ"ގައި ސަރުކާރުން ބަލަމުންދާ ކުދިންނާއި އެކު މިނިސްޓަރު ޒެނީޝާ މިއަދު އީދު ފާހަގަކުރައްވާފައިވާއިރު އެކަމަނާ ވަނީ ޖެންޑާ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާއި އެކު ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާ"އަށާއި "އަމާން ހިޔާ" އަދި ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް ޒިޔާރަތްކުރައްވާ އެ މަރުކަޒު ތަކުގައި ދިރިއުޅޭ 153 ކުދިންގެ ހާލު ބައްލަވާލައްވާފައެވެ.