06 Jul 2016, 21:54
ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން އާލް ސައުދު ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ދެއްވައިފި އެވެ.
ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސައުދީގެ ޑިފެންސް މިނިސްޓަރު ދެއްވީ، އެމަނިކުފާނުގެ ހާއްސަ ދައުވަތަކަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސައުދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ދެބޭފުޅުން ބޭއްވި ރަސްމީ ވާހަކަފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އަދި ސައުދީގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު އާދަމް ޝަރީފް ސައުދީއަށް ކުރައްވަވާ ދަތުރުފުޅުގައި ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް މިއަދު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދު އަށް ދަންނަވާފައިވާ ކަމަށެވެ.