މެންޗެސްޓާ ސިޓީއާ ގުޅުމުގެ ކުރިން ވާދަވެރި މެންޗެސްޓާ ސިޓީއާ ގުޅުމާ ގާތަށް ދިޔަ ކަމަށް އިލްކޭ ގަންޑޮގަން ބުނެފި އެވެ.

ޖަރުމަން މިޑްފީލްޑަރު ގަންޑޮގަން ބުނީ، މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް އޭނާ ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރު ދުވަހަށް އިތުރުކުރި ކަމަށެވެ.

"މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުމާ ވަރަށް ގާތަށް ޖެހުނު. އެކަމަކު ކަންތައްތައް ދިޔައީ އަހަރެން ބޭނުންވި ގޮތަކަށް ނޫން. އެންމެ ފަހުން އަހަރެމެން ނިންމީ އަހަރެންގެ ކޮންޓްރެކްޓް އިތުރު އެއް އަހަރު ދުވަހަށް އިތުރުކުރަން. ޑޯޓްމަންޑުން ވެސް ބޭނުންވީ އަހަރެން ހިލޭ ވިއްކާނުލުމަށް. އެހެންވެގެން އަހަރެންގެ ކޮންޓްރެކްޓް އޭރު އާކުރީ. އަދި މި އަހަރު ހުރިހާ އެންމެންނަށް ވެސް އެކަމުން އުފާ ލިބުނު،"ސްޕޯޓް360އަށް ދިން އިންޓަވިއުއެއްގައި އުމުރުން 25 އަހަރު ގަންޑޮގަން ބުންޏެވެ.

އޭނާ ބުނީ، އާ ފެށުމަކުން އަލުން ފެށުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ވިސްނި ކަމަށާއި ޕެޕް ގާޑިއޯލާއާ އެކު މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.

ޖަރުމަނުގެ ޑޯޓްމަންޑަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުންދިޔަ ގަންޑޮގަން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ސޮއިކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އޭނާ އެ ކްލަބަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ.