ދެކުނު އެފްރިކާގެ އެތުލީޓު އޮސްކާ ޕިސްޓޯރިއަސް އޭނާގެ ލޯބިވެރިޔާ ރީވާ ސްޓީންކާމްޕް މަރާލި ކަން ކޯޓަށް ސާބިތުވެ، އޭނާ ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ޕިސްޓޯރިއަސްއަކީ ޕެރެލިމްޕިކް ގޭމްސްގައި ރަން މެޑަލް ހަ ފަހަރަށް ހޯދާފައިވާ ދުވުންތެރިއެކެވެ. ތުއްތު އިރު އޭނާގެ ދެ ފައި ބުރި ކޮށްލަން ޖެހުނު ނަމަވެސް، އޭނާ މިހާރު އުޅެނީ ފަޔަށް ޕްރޮސްތެޓިކް ބްލޭޑު ލައްވައިގެންނެވެ. އަދި އޭނާއަކީ އޮލިމްޕިކް ގޭމްސްގައި ޕްރޮސްތެޓިކް ބްލޭޑު ލައްވައިގެން ދުވުމުގެ ޝަރަފު ހޯދި އެންމެ ފުރަތަމަ އެތުލީޓެވެ.

ޕިސްޓޯރިއަސް އޭނާގެ ލޯބިވެރިޔާ ރީވާ މަރާލީ 2013 ވަނަ އަހަރު، އޭނާގެ ގަޔަށް ބަޑި ޖަހައިގެންނެވެ. މި މައްސަލައިގައި ޕިސްޓޯރިއަސްގެ މައްޗަށް 2014 ވަނަ އަހަރު ދައުވާކޮށް، މީހަކު މަރާލުމުގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލި އެވެ.

އެހެން ނަމަވެސް ނިމިދިޔަ އަހަރު ކޯޓުން ވަނީ އޭނާގެ ހުކުމް އަލުން މުރާޖާކޮށް، ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފަ އެވެ.

ޝަރީއަތުގައި ޕިސްޓޯރިއަސް ވަނީ ރީވާ މަރާލި ކަމަށް އިއުތިރާފު ވެސް ވެފަ އެވެ. އެހެން ނަމަވެސް އޭނާ ބުނި ގޮތުގައި އޭނާ ރީވާގެ ގަޔަށް ބަޑި ޖެހީ، އެއީ އޭނާގެ ގެޔަށް ވައްކަން ކުރުމަށް ވަން މީހެއް ކަމަށް ހީކޮށެވެ.

ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުވެ އޭނާ ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އިރު، ހުކުމް އިއްވި ފަނޑިޔާރު ތޮކޮޒިލް މަސިޕާ ބުނީ މި މައްސަލައިގައި ދިގު މުއްދަތަކަށް ޕިސްޓޯރިއަސް ޖަލަށް ލިޔަސް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޕިސްޓޯރިއަސްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އޭނާގެ ވަކީލުން ބުނީ އެކަން ނުކުރާނެ ކަމަށެވެ.