ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ ބޮޑަށް ވޭލްސްގެ ގެރެތު ބޭލްގެ އެހީތެރިކަން ޓީމަށް ލިބުނު ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ ބުނެފި އެވެ.

ސެމީ ފައިނަލުގައި މިރޭ ވޭލްސް އާއި ޕޯޗުގަލް ބައްދަލުކުރާ އިރު، ރެއާލް މެޑްރިޑުގެ ދެ ތަރިން ކަމަށްވާ ރޮނާލްޑޯ އާއި ބޭލްގެ ވާދަވެރިކަން ވެސް ފެނިގެންދާނެ އެވެ.

ޔޫރޯގައި އަލަށް ވާދަކުރާ ވޭލްސް އިން ބޮޑު މުބާރާތަކުން ފުރަތަމަ ފަހަރަށް ސެމީ އަށް ގެންގޮސްދިނުމުގައި ބޭލްގެ ދައުރު ފާހަގަކޮށްލެވެ އެވެ. މި ފަހަރުގެ ޔޫރޯގައި ބޭލްގެ ފަރާތުން ތިން ލަނޑު ފެނިގެންދިޔަ އިރު، ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯ އަށް ކާމިޔާބު ކުރެވިފައިވަނީ ދެ ލަނޑެވެ.

"އެ މެޗު ވެގެންދާނީ ވައަތު ފަޅި އާއި ކަނާތު ފަޅީގެ ވާދަވެރިކަމެއް ފެނިގެންދާނެ މެޗަކަށް. ރޮނާލްޑޯ އަދި ބޭލް ހިމެނޭ ނަމަ، އެ މެޗުގައި އެ ދެ ތަރިންނަށް ބަލާލަން ޖެހޭ. ބޯޅަ ކޮންޓްރޯލް ކުރުމާއި، ސްޕީޑް އަދި ހަމަލާތައް އުފެއްދުމަކީ އެ ދެ ކުޅުންތެރިންގެ ހާއްސަކަން. ރޮނާލްޑޯ އަށްވުރެ، ބޭލްގެ އެހީތެރިކަން ޓީމަށް ލިބުނު،"ޓައިމްސް އިންޑިއާގެ ކޮލަމެއްގައި މެރަޑޯނާ ލިޔެފައިވެ އެވެ.

މިރޭ 12:00ގައި ކުޅޭ ސެމީ އަށް ޕޯޗުގަލް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޕޮލެންޑް އަތުން މޮޅުވެގެންނެވެ. އަދި ސެމީ އިން ވޭލްސް ޖާގަ ހޯދީ ކުއާޓާގައި ބެލްޖިއަމް އަތުން މޮޅުވެގެންނެވެ.