ޓެކުހަށް މަކަރު ހެދި މައްސަލާގައި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 21 މަހަށް ޖަލަށްލުމަށް ހުކުމް އިއްވައިފި އެވެ.

މެސީއާއެކު އޭނާގެ ބައްޕަ ޖޯޖް މެންޑޭޒް 2007 އިން 2009 ވަނަ އަހަރާ ދެމެދު 4.1 މިލިއަން ޔޫރޯ، ޤާނޫނާ ހިލާފަށް މީހެއްގެ ފައިސާ ހިފެހެއްޓި ކަމުގެ ކުށުގައި ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ ހުކުމް އައި ނަމަވެސް މެސީ އާއި އޭނާގެ ބައްޕަ ޖަލަށް ދާކަށް ނުޖެހޭނެ އެވެ. އެއީ ސްޕެއިންގައި އޮންނަ އުސޫލުގައިވާ ގޮތުން ދެ އަހަރަށްވުރެ ދިގު ނޫން ޖަލު ހުކުމެއް ސާބިތުވެ، އެއީ ފުރަތަމަ ކުށް ކަމުގައި ވަނީނަމަ ޖަލަށް ދާކަށް ނުޖެހޭނެ އެވެ.

ބާސެލޯނާގެ ކޯޓުގައި ހުކުމް އިއްވުމުގެ ކުރިން މެސީ ބުނީ، އޭނާ އަށް އެއްވެސް ކަމެއް ނޭނގޭ ކަމަށާއި ފައިސާގެ ކަންތައްތައް ބަލަހައްޓަނީ އޭނާ ނޫން ކަމަށެވެ. އަދި މެސީގެ ކަމަކީ ހަމައެކަނި ފުޓްބޯޅަ ކުޅުން ކަމަށް ވެސް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.