އއ. އުކުޅަހު ކައިރީގައި އޮންނަ މާތިލަ ކައިރިއަށް ފީނަން ގޮސްއުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ މީހަކު ފެނިއްޖެ ކަމަށް ކޯސްޓުގާޑުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އއ. އުކުޅަހު ކައިރީގައި އޮންނަ، މާތިލަ ކައިރިއަށް ފީނަން ގޮސްއުޅުނު ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިހާރު އެމީހާ ފެނިފައިވާ ކަމަށެވެ.

އެމީހާއަށް ފަރުވާ ދިނުމަށްޓަކައި، ސީ އެމްބިއުލަންސުގައި ކުރަމަތި ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށްވެސް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޚަބަރެއް ނުވެގެން ހޯދަމުން ދަނީ، އުކުޅަހު އިރުމަތީގެ އަލީ ފިޒާލު، 28 ކަމަށެވެ.

އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ އުކުޅަހާއި ދެ މޭލު ބޭރު ކައިރީގައި އޮންނަ ރަށެއް ކައިރިއަށް ހައެއްކަ މީހުންނާއި އެކު ފިޒާލު ފްރީ ޑައިވިނަކަށް ދިޔަ ކަމަށެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނާއި ސިފައިން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.