14:30


ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުންނާއި، އެހެންގޮތްގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް 50 މިލިއަން ޗައިނީޒް ޔުއާންގެ އެހީ ރާއްޖެ އަށް ދެއްވާނެ ކަމުގައި ޗައިނާގެ ރައީސް ހޫ ޖިންޓާއޯ ވިދާޅުވެއްޖެ އެވެ.


ރައީސް ހޫ ޖިންޓާއޯ މިހެން ވިދާޅުވީ ޗައިނާގެ ޝެންގހާއީއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ދެއްކުމަށް ޝެންގހާއީގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޗައިނާ ވަފުދުގެ އިސް ބޭފުޅަކީ ޗައިނާގެ ރައީސް ހޫ ޖިންޓާއޯ އެވެ.


ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަފުޅުތައް ފެށްޓެވުމުގެ ގޮތުން ޗައިނާގެ ރައީސް ހޫ ޖިންޓާއޯ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ، ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތާއި، ޝެންގހާއީ ވޯލްޑް އެކްސްޕޯ 2010 އަށް އެމަނިކުފާނު ދެއްވާ މުހިންމުކަން ހާމަވެގެންދާ ކަމުގައި ރައީސް ހޫ ޖިންޓާއޯ ވިދާޅުވި އެވެ. ރައީސް ހޫ ޖިންޓާއޯގެ ވާހަކަފުޅުގައި، ރާއްޖެއިން ޗައިނާއަށް ދެމުންގެންދާ އެއްބާރުލުމާއި ތާއީދަށްޓަކައި ޝުކުރު އަދާކުރައްވަމުން، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން، ދެޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި، ދެޤައުމުގެ ދެމެދުގައި ކުރެވޭ މުޢާމަލާތްތައް އިތުރުކޮށް، އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކޮށް، ދެ ޤައުމާ ގުޅުންހުރި ކަންތައްތަކުގައި ދެޤައުމުގެ ދެމެދުގައި މިހާރަށްވުރެ ބޮޑަށް މަޝްވަރާކުރުން އިތުރުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތްތައް އިތުރުކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ޗައިނާގެ ރައީސް ވިދާޅުވި އެވެ.


މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ޗައިނާގެ ރައީސް ވާހަކަފުޅު ދައްކަވަމުން، މި މައްސަލައަކީ ރާއްޖެއެކޭ އެއްވަރަށް ޗައިނާއިންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މި ދާއިރާއިންވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.


އެ ރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޗައިނާއިން ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޗައިނާ ރައްޔިތުންނަށާއި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ. ރާއްޖެއަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ސާފު ބޯފެނާއި ބޯހިޔާވަހިކަން ފޯރުވައިދިނުން އެއީ، ސަރުކާރުން މިވަގުތު އެންމެ އެހީތެރިކަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ ދެކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖެއަކީ އިޢާދަކުރެވޭ ހަކަތައިގެ ޝޯކޭސްއަކަށް ހެއްދެވިދާނެ ކަމަށާއި، މިފަދަ އިޢާދަކުރެވޭ ހަކަތައިގެ ޓެކްނޮލޮޖީގެ އުފެއްދުންތައް އުފައްދާ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ ރާއްޖެއިން ތަރުޙީބުދޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.


މީގެ އިތުރުން، ބޫޓާނުގެ ނިމިގެންދިޔަ 16 ވަނަ ސާކް ސަމިޓާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ހޫ އަށް އެރުއްވި އެވެ. ޗައިނާއިން ވަނީ އޮބްޒާވަރެއްގެ ގޮތުން 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެފަ އެވެ.