06 Jul 2016, 10:39
މާޔޫސްވާ ދަނޑިވަޅުތަކުގައި ކުރައްވާ ކަމަކީ ކީރިތި ގުރުއާން ކިޔެވުން ކަމަށް އަލަށް އައްޔަނުކުރެއްވި ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު ބޭއްވި އަޔާދީތަކާފުލް "އެންމެ އަލިގަދަ ތަރި" ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ޖިހާދު ވިދާޅުވީ، މާޔޫސްވީމަ ގޯސް ހަދާ މީހުން އުޅޭ ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މާޔޫސްވީމަ ކަންކުރާނުގެ ގޮތް ދީނުގައި އަންގަވާފައި އެބައޮތް ކަމަށާއި އެގޮތުން ގުރުއާން ކިޔެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑު ކުޑައިރު ބައެއް ކަހަލަ ކަންކަން ދިމާވީމަ އަޅުގަނޑު ކުރާކަމަކީ މިސްކިތަށް އަރައި ގުރުއާން ކިޔަވަނީ، އަޅުގަނޑަށް އޭގެ ޝިފާވެސް ފެނިފައި އެބަހުރި،" ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެންމެ ލޯބިވާ އަދި އެންމެން އިބުރަތް ލިބިގަންނަ ފޮތަކީ ގުރުއާނަށް ހަދަން އެންމެހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ޕީއެސްއެމްއިން ރޭ ވަނީ އެންމެ އަލިގަދަ ތަރީގެ ޖޫނިއަރ އަދި ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފަ އެވެ.