06 Jul 2016, 08:23
އިސްލާމީ މަރުކަޒަށް އީދު ނަމާދަށްދިޔަ ބަޔަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވައިފިއެވެ.
އީދު ނަމާދު ނިމުމާއެކު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ފަރާތުން ވަނީ ދުއާއެއް ކުރުމުގެ މަސައްކަތްކޮށްފައެވެ. މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިސްކޮށް ހުންނަވައި ދުއާކުރަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކަންހުއްޓުވާފައެވެ.
އެއާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ. ފުލުހުން މިހާރުވެސް ދަނީ އެސަރަހައްދުން މީހުން ފަހަތައްޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. ހަމަނުޖެހުމެއް ނުހިނގައެވެ.
ފުލުހުން ރޭގައި ބުނީ މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ މުގައްދަސް ތަންތަން ކަމަށްވެފައި މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަހައްދު ތަކުގައިވެސް ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ. އެހެންކަމުން މިސްކިތްތަކުގެ ސަރަހައްދުގައި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ.