ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސުލޫކީ މައްސަލައެއް އެޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.

ްްއެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު އެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް އަސްއަދު ފޮނުއްވި ސިޓީގައި ވަނީ ޕާޓީގެ އެތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން ޕާޓީގެ އަސާސީ ގަވާއިދުން ރައީސަށް ލިބިދީފައިވާ ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރައްވާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ ޕާޓީގެ ކައުންސިލްގައި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ޕާޓީގެ އެންމެހައި ކޮމެޓީތަކާއި ގުނަވަންތައް ރައީސް މައުމޫން ހުއްޓުމަކަށް ގެންނަވާފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ ސުލޫކީ މައްސަލަ ހުށަހެޅުއްވި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު --- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 39 ވަނަ މާއްދާގެ (ށ)އާ ޚިލާފަށް ޕާޓީގެ ކައުންސިލްގެ ރުހުމެއް ނެތި ޕާޓީގެ މަޝްވަރާ މަޖިލީހެއް އުފައްދަވައި އެމަޖިލީހުގެ ބައްދަލުވުންތައް މައުމޫން ބާއްވަމުން ގެންދަވާ ކަމަށް ވެސް އަސްއަދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫންގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވާއިރު، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފަ އެވެ.