21 May 2011, 16:07
މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް މއ. ހިތިލާގެ ތޮލްހަތު އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހ. ހޮޅިކޮށީގޭ ފާރޫގު މުހައްމަދު ހަސަން ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ތޮލްޙަތު އިބްރާހީމަކީ، މީގެކުރިން 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެންއެސްއެސްގައި ހިދްމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން، އެންއެސްއެސް ގެ ޕްރައިވެޓް ކަމާއި، ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާޖަންޓް ކަމާއި، ސްޓާފް ސާޖަންޓްކަމާއި، ވޮރަންޓް އޮފިސަރު ގްރޭޑް 1 ގެ ރޭންކްގައި ހިދްމަތް ކުރައްވާފައިވެ އެވެ. އަދި ލެފްޓެނަންޓް ކަމުގެ ރޭންކާއި، ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކްގައިވެސް އޭނާ ހިދްމަތް ކުރައްވާފައިވެ އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހެންވޭރު ހޮޅިކޮށީގެ ފާރޫގު މުހައްމަދު ހަސަން އެ މަގާމުން ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.