ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން އިސްތިއުފާދެއްވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސަރުކާރުން ނިންމިނިންމުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ދުންޔާ މިއަދު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ނިންމާފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ ޝަރުއީ ދާއިރާއާއި މެދު ސުވާލު އުފެދިފައިވާ ދުވަސްވަރެއް ކަމަށެވެ. ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން އެކަމާ އުފެދިފައިވާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، މިހާލަތުގައިއޮއްވައި މަރުގެ އަދަބު ދިނުމަކީ ރާއްޖޭގެ ތަސައްވަރު ބައިނަލް އަގުވާމީ މައިދާނުގައި ބަދަލުވާނެކަމެއް ކަމަށެވެ.

މަރުގެ ހުކުމުގެ މައްސަލައިގައި ފޮރިން މިނިސްޓަރު އިސްތިއުފާދެއްވާފައިވާއިރު މިހާރުގެ ސަރުކާރާ ދެބަސްވުން އުފެދިފައިވާ އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ނޫނީ ގިސާސެއް ނުހިފޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ، ބައިނަލްއަގުވާމީ މުޖުތަމައުއިން އަންނަ ބޮޑު ގޮންޖެހުމަކަށްވީނަމަވެސް މި ސަރުކާރުން އެކަން ކުރަނީ މުޅި ރައްޔިތުންގެ ޙައްގުގައި ކުރާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލި ހުސެއިން ހުމާމް އާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތު މެރުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފައެވެ.