ރޭގަނޑު ކޮފީގައި ނުވަތަ ސޯޝަލް މީޑިއާގެ ކޮންމެވެސް ވަސީލަތެއްގައި ވަގުތުތައް ހޭދަކޮށް، ނިދުމަށްފަހު ހެނދުނު ހޭލަނީ އީދު ނަމާދަށެވެ. އީދު ނަމާދުން އައިސް އަނެއްކާވެސް ކޮފީއަކަށެވެ. އެއަށްފަހު މެންދުރު ކެއުމެވެ. ދެން އެއަށްފަހު އަނެއްކާވެސް ކޮފީއެކެވެ. ކުޅިވަރެއްއޮތަސް ގިނަފަހަރަށް އޮންނާނީ ޒަމާނީ ކުޅިވަރެކެވެ. މިއީ މިއަދު ގިނަ ޒުވާނުންގެ އީދު ފާހަގަކުރުމެވެ. ރީތި ހެދުންލުންފިޔަވައި ހާއްސަކަމެއް މަދުން ނޫނީ ނުފެނެއެވެ. ނަމަވެސް އެނގޭހެއްޔެވެ. އީދު ދުވަހަކީ މީގެ ޒަމާންތަކެއްކުރިން ވަރަށް ފޯރީގައި ފާހަގަކުރަމުންއައި ދުވަހެކެވެ.

އޭރަށް ބަލާއިރު އީދުކައިރިވުމާއެކު ގޭދޮށަށް ދޮންވެލިލައި ގޭތެރެ ޒީނަތްތެރި ކުރަން ފަށައެވެ. އީދުދުވަހު ކެއުމަށް ބޭނުންތަކެތި ހޯދައި އީދަށް ދުރާލައި ތައްޔާރުވާން ފަށައެވެ. އީދު ވިލޭރެއަކީ ބޮޑު އުފަލެއް ލިބޭ ރެއެކެވެ. އީދު ކުޅިވަރުތަކަށް ތައްޔާރުވުމުގެ އިތުރުން ޒީނަތްތެރިވުމުގެ ގޮތުން ތަފާތު ކަންތައްތައް ކުރެއެވެ. އަންހެންވެރިން ހަތަރެސް ފައިގައި ހީނާފަތް އެޅުންފަދަ ކަންކަން ކުރާއިރު އީދު ނަމާދަށް ދިއުމަށް އެންމެންހެން މޫދަށް ގޮސް ހިނައިގަނެއެވެ. މިކަންކަން ކުރަނީ ވަރަށްވެސް އެކުވެރި މަޖާ މާހައުލެއްގައެވެ.

އއ. ރަސްދޫ ގައި މިދިޔަ އަހަރު ކުރިއަށްގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރޭން ބޮޑުމަސް ބޭނުން -- ސަން ފައިލް ފޮޓޯ: އާދަމް ނަޒީރު

"ފިރިހެން ކުދިން އޮންނާނެ އަންހެން ކުދިންނަށް ލަނޑުދިނުން. އެގޮތުން ހީނާފަތުން ރަތްކަން ކެނޑޭ ފަދަ ކަމެއް ކުރުން ނޫނީ ހީނާފަތް ފޮރުވުންވެސް. މޫދަށް ގޮސް ތިބޭއިރުވެސް ފިރިހެން ކުދިން އަންހެން ކުދިން މޫދަށް ލާނީ. ދެން އަންހެން ކުދިން އުޅޭނެ މޫދަށް ނޭރެން ގަދަހަދަން،" އޭރުގެ އީދު ކިޔައިދެމުން ދިވެހި މުދައްރިސެއްކަމަށްވާ ލ. މާބައިދޫ އިބްރާހިމް ހަލީމް ވިދާޅުވިއެވެ.

ދެން މިއޮންނަނީ އީދު ނަމާދަށް ދިޔުމެވެ. ކުރީ ޒަމާނުގައި އެ ނަމާދަކީ ހާއްސަ ސަމާލުކަމެއް ދީގެން ހާއްސަ ކަންތައްތަކެއް ކޮށްގެން ކުރާ ނަމާދެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ކަމަކީ އީދު ނަމާދަށް ދިއުމަށް ހެދުން އެޅުމެވެ. ކިރިޔާވެސް ފޯރާ މީހެއް ކަމަށްވާނަމަ ތިން ހެދުން ހޯދައެވެ.

މީގެ 56 އަހަރު ކުރިން އީދު ފާހަގަކުރާގޮތް ކިޔައިދެމުން ހ. ނަވާގަން، 74، އަލީ މޫސާ ދީދީ ވިދާޅުވި ގޮތުގައި އީދު ނަމާދަށް ދިއުމަށް އޭރު ގިނަ މީހުންލާނީ ހުދު ހެދުމެވެ. ގަދަޔަށް "ތާން" ޖަހާފައި ރީތިކޮށް ދޮވެ އިސްތިރިކޮށްފައި ހުންނަ އިރު، ހެދުމަށް ހުންނާނީި މީރުވަސް ވެސް ދުއްވާފައެވެ. ފޭރާމުން މީރުވަސް ދުއްވުމަށް އޭރު ބޭނުންކުރަނީ ރާނބާފަތާއި ކޮއްޗޭ ފަތާއި އެކި ފާޑުފާޑުގެ މާމެލާމެލީގެ ބާވަތްތައް ކަމަށްވެ އެވެ.

އީދު ނަމާދަށް ދިއުމަށް ގެއިން ނުކުތުމާ ހަމައިން އެނބުރި އަންނަންދެން ވެސް އޮންނަނީ ކޮނޑާކޮނޑު ޖައްސައި ސަލާމް ގަލާމްކުރުމާއި އެކަކު އަނެކަކަށް އީދު ތަހުނިޔާ ކިޔުމެވެ. އެއަށް ފަހު އެއްގެއިން އަނެއް ގެއަށް ސަޔަށް ދެއެވެ. އެއްގެއިން އަނެއްގޭ މީހުންނަށް މަރުހަބާ ކިޔަނީ އުފާވެރިކަމާއި ހިނިތުން ވުމާއެކުވެ އެވެ.

"އެއް ގެއިން އަނެއް ގެއަށް އެގޮތަށް ހުރިހާ ގެއަކަށް ދާނެ. ގޭގޭގައި މޭޒު މަތީ ހަދާފައި ހުންނާނެ، ބޮނޑިއާއި ކާއްޓާއި މަހާއި ބޯކިބަލާ ތަރަފަނަ ކަހަލަ ތަކެތި. އެއްގެއިން އަނެއް ގެއަށް ތަކެތި ދީވެސް ހަދާނެ،" ހއ. މޮޅަދޫގައި އީދުގެ ސައިގެ ކަންކަން ކުރިއަށްދާގޮތުގެ ވާހަކަ ހިއްސާ ކުރަމުން ފާތުމަތު ހަސަން، 53 ބުންޏެވެ.

ދެން އޮންނަނީ މެންދުރަށް ކެއްކުމެވެ. ފިރިހެނުން މަސައްކަތް ކުރަނީ ކެއްކުމަށް ބޭނުންވާތަކެތި ހޯދައިދިނުމަށެވެ. އަންހެނުން އަވަދިިނެތި މަސައްކަތް ކުރަނީ ކެއްކުމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ކެއުންތައްހަދައެވެ. އޭގެ ތެރެއިން ކުކުޅު ރިހައަކީ ކޮންމެ ހިސާބެއްގައިވެސް މަޝްހޫރު ކެއުމެކެވެ. އޭގެ އިތުރުން ކަނޑުކުކުޅުފަދަ ކެއުންތައް ހަދައެވެ.

ކެއުންތައް ތައްޔާރުކުރާއިރު އަވައްޓެރިންނަށް ނުވަތަ ގާތްތިމާގެ މީހުންނަށް އެތަކެތި ބެހުމަކީ އޭރުގެ އާދައެކެވެ. ހަމައެހެންމެ އެއްގެއިން އަނެއްގެޔަށް މީހުން ކާންގެނެސް ހެދުމަކީ އެންމެންހެން ކޮށް އުޅޭ ކަންކަމެވެ.

"މެންދުރު މީހުންނަށް ކާން ގޮވާނެ. ރަށުގައި އެކި މަގުމަގުން ހިނގައިގެން ވެސް މީހުން ހޯދާނެ. ހަމަ ފެނުނު ކޮންމެ މީހަކު ގެނެސް ކާން ދޭނެ،" ފާތުމަތު އޭރުގެ ހަދާންތައް ކިޔައިދެމުން ބުންޏެވެ.

އެކަންކަމަށްފަހު ދެން އޮންނަނީ ކުޅިވަރުތަކެެވެ. އެންމެ ފޯރީގައި ކުޅޭ ކުޅިވަރުތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި ދަފިލުމާއި ބޮޑުމަސް ބޭނުންފަދަ ކުޅިވަރުތައް ހިމެނެއެވެ. ކުޅިވަރު ފޯރި އެންމެ ގަދަވާކަމަށްވަނީ ބޮޑު އީދުގައެވެ. އީދުގެ ފޯރި އޭރުގައި ތިން ދުވަސް ހަތަރު ދުވަސް ކުރިއަށް ގެންދާ ކަމަށްވެ އެވެ. އެއީ ވަކި ބަޔަކަށް ހާއްސަކުރުމެއް ނެތި، އެންމެން އެކުގައި ކުރިއަށް ގެންދިޔަ ކަންކަމެވެ. އެކަތިގަނޑެއްގެ މިސާލު ދެއްކި ކަންކަމެވެ.

އެއީ މީގެ ޒަމާންތަކެއް ކުރިން ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަމުން ދިޔަ އާދަކާދަތަކެވެ. މިހާރު އެކަންކަން މިވަނީ ބަދަލުވެފައެވެ. އީދަށްވާ ތައްޔާރީތައް މިވަނީ ފަނޑުވާން ފަށައިފައެވެ. އީދު ހެދުން ހޯދުން ފިޔަވައި އެހެން ކަންކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭރު ކަތިލާހެދި ދިވެހި ކުކުޅު މިވަނީ ފިނިކުރި ކުކުޅަށް ބަދަލުވެފައެވެ. ސަގާފީ ކުޅިވަރުތައް މަދުވެ ފުޓްބޯޅަ ނުވަތަ ވޮލީ ފަދަ މުބާރާތްތަކަށް ކުޅިވަރުތައް މިވަނީ ބަދަލުވެފައެވެ.

އެދުވަސްވަރާ އަޅައިބަލާއިރު އީދުގެ ކެއުންތައް އަވައްޓެރިންނާ ހިއްސާ ކުރުން ވެސް މިހާރު މިވަނީ މަދުވާން ފަށައިފައެވެ. ނުވަތަ ލަދުވެތިކަމަކަށް ވެފައެވެ. ހަދިޔާ ކުރިޔަސް ކުރާތަން ގިނައިން ފެންނަނީ ހަމައެކަނި އާއިލާ މީހުންނަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އޮންނަ އުސޫލުގެ މަތިން ގިނަ ބަޔަކަށް ހަދިޔާ ބަދަލު ކުރުމަކީ އިސްލާމްދީން ބާރު އަޅާ ކަމެކެވެ.

ދީނީ އިލްމުވެރިޔާ ޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި ކުރިއާއި އަޅައިބަލާއިރު އީދު ފާހަގަ ކުރުން މިހާރު ވަނީ ފަނޑުވެފައެވެ. ނަމަވެސް އިސްލާމްދީން ބާރުއަޅަނީ އެކަކު އަނެކަކާ ގާތްގުޅުމެއް ބާއްވައި އީދުގެ އުފާވެރިކަން ހޯދުމަށް ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އެސަގާފަތަށް ބަދަލު އައުމުގެ އެތައް ސަބަބެއް ހިމެނެ އެވެ. އޭގެ އެއް ސަބަބަކީ ފުދުންތެރިކަމެވެ. މިއަދު މިޒަމާނުގައި ގޭގޭ އިންފާރުތައް މައްޗަށް ނެގި ދޮރާށިތައް ތަޅުލެވުމުން އެގުޅުމަށް އެވަނީ ހީނަރުކަން އަންނަން ފަށައިފައެވެ. އެއާއެކު ސިޔާސީ ވިސްނުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް އެބަކުރެއެވެ.

ދިރިއުޅުމަށް އެއައި ބަދަލުތަކާއެކު އީދާއި ގުޅޭގޮތުން އުފެދޭ އުފާވެރިކަން ވެސް މިވަނީ ފަޑުވާން ފަށައިފައެވެ. އީދުގެ ތަހުނިޔާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އަރިސް ކުރުމަށް ފޯރިހުއްޓަސް އީދު ފާހަގަ ކުރުމުގައި ކުރިން އެހުންނަ ފޯރިއެއް ނުހުރެ އެވެ. ހާއްސަކޮށް އާބާދީ ބޮޑުވެ ތޮއްޖެހި ފުރިފައިވާ، ވެރިރަށް މާލެފަދަ ތަންތަނުގައި މިއަދު ގިނަ މީހުން މިފަދަ އުފާވެރި ދުވަސްތައް ފުއްދާލަނީ ކޮފީއަކުންނެވެ.