06 Jul 2016, 00:31
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރިތަކުރުމުގެ ސެޝަނެއްގައި އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވެއްޖެ އެވެ.
ދަގަނޑޭގެ ރަސްމީ ފޭސްބުކްގެ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މާޒިޔާގެ ފަރިތަކުރުމުގައި ދަގަނޑޭ ބައިވެރިވެފައިވަނީ އޭނާގެ ފިޓްނަސް ލެވެލް ޓެސްޓުކޮށް، ފިޓްކޮށް ހުރުމަށެވެ.
ދަގަނޑޭ ކުޅެމުންދިޔަ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)ގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ އަނިޔާއެއްގެ ސަބަބުން ކަމަށް އޭރު ދަގަނޑޭ ބުނެފައިވެ އެވެ.
މާޒިޔާގެ ޖާޒީގައި އެ ކްލަބުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވި ނަމަވެސް، އެ ކްލަބަށް ގުޅުމަށް ނިންމިކަން ނުވަތަ ނޫން ކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
ޕީޑީއާރްއެމް އިން ވަކިވުމަށްފަހު، އަނިޔާއިން ސަލާމަތްވުމުން ގުޅޭނެ ކްލަބެއް ނިންމާނެ ކަމަށް ދަގަނޑޭ ބުނެފައިވެ އެވެ. މިހާރު އަނިޔާއިން ސަލާމަތްވެފައިވާ ދަގަނޑޭ، ކުރިއަށް އޮތް ޓްރާންސްފާގެ މުއްދަތުގެ ތެރޭގައި ދިވެހި ކްލަބަކުން ފެނުން ގާތެވެ. ފުރަތަމަ ބުރުގެ ކުޅުން މާދަމާ ނިމުމަށް އައުމާއެކު އަންނަ ޓްރާންސްފާގައި މާޒިޔާ އަށް ދަގަނޑޭ ސޮއިކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ޕީޑީއާރްއެމް އަށް ކުޅުމުގެ ކުރިން ދަގަނޑޭ ވަނީ ދިވެހި ކްލަބުތަކުން ފެނިފަ އެވެ. އެގޮތުން ކްލަބު ވެލެންސިއާ އާއި، ވީބީ ސްޕޯޓްސް ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، ގިނަ ކާމިޔާބީތަކެއް އޭނާ ހޯދާފައިވެ އެވެ.