ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކުރުމަށް ނިންމާފައި ނުވާ ކަމަށާއި އެ މަނިކުފާނު އަރިއަހުން ސާފުކުރަން ޖެހޭ އެއްޗެއް ސާފު ކުރުމަށް ސުވާލު ކުރާނީ އެ މަނިކުފާނު އަރިހަށް ގޮސްގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލަތީފު ވިދާޅުވީ، ކުރިން ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުންނާއި އަދި އުއްތަމަ ފަނޑިޔާރު ފަދަ ބޭފުޅުން އަރިހުން ކަމަކާ މެދު ސުވާލު ކުރަން ވެއްޖެ ނަމަ، އެ ކޮމިޝަނުން އަމަލު ކުރާ އުސޫލަކީ އެ ބޭބޭފުޅުންގެ އަރިއަހަށް އޭސީސީގެ ބޭފުޅުން ގޮސްގެން އެކަންކަން ސާފު ކުރުން ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނާ ބެހޭ ގޮތުން ވެސް އަމަލު ކުރައްވާނީ އެ އުސޫލުން ކަމަށް ލުތުފީ ވިދާޅުވި އެވެ.

"މައުމޫން އަދި އެ ފެންވަރުގެ އެއްވެސް ބޭފުޅަކު [އޭސީސީ އަށް] ހާޒިރެއް ނުކުރާނަން. އަޅުގަނޑުމެން އަމަލު ކުރާ އުސޫލަކީ އުއްތަމަ ފަނޑިޔާރު ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް، ސުވާލެއް ކުރަން ވެއްޖިއްޔާ، އެކަމެއް ސާފު ކުރަން ވެއްޖިއްޔާ އެ ބޭފުޅުންގެ އަރިއަހަށް ގޮސްގެން ސާފުކުރާނީ،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ -- ސަން ފައިލް ފޮޓޯ

ނަމަވެސް ލުތުފީ ވިދާޅުވީ 2008 ވަނަ އަހަރު ތީމުގެ އޮޑިޓް ކުރުމަށް ފަހު ނެރުނު ރިޕޯޓާ ބެހޭ ގޮތުން މައުމޫން އަރިއަހުން ބައެއްކަންކަން ސާފުކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައަކީ ކުރިން ފުލުހުންނާ ގުޅިގެން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އައިސްފައިވާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކާ ސުވާލުކޮށް ބަޔާންނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަތަކުގައި އެންމެ ފަހުން ސުވާލު ކުރަން ޖެހޭ ފަރާތަކީ މައުމޫން ކަމަށް ވާތީ، މި ސުވާލު ކުރަނީ،" ލުތުފީ ވިދާޅުވި އެވެ.

މައުމޫނާ އޭސީސީ އިން ސުވާލު ކުރާ ވާހަކައެއް މި ފެންމަތިވީ އެ އޮޑިޓް ރިޕޯޓް ނެރުނުތާ އަށް އަހަރު ފަހުންނެވެ. އަދި ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ވެރިކަންކުރާ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންތަކުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތް ބޭފުޅުންނަށް ހަރަދު ކުރެއްވި ކަމަށް ލިއުއްވާފައިވެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.