ކުޑަ ދެ އަންހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ކައުންސިލަރަކާއި އެފަދަ އިތުރު މައްސަަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެއް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވަނީ ކުއްޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހދ. ވައިކަރަދޫ އެމްޑީޕީ ކައުންސިލަރު އެރަށު ހޭޅި، އަލީ އާމިރެވެ. ދެވަނަ މީހަކީ މ. ސުލްހަ، އަހްމަދު ސުނިލް އެވެ.

ކްރިމިނަލް ކޯޓު އަމުރުގައި ބުނަނީ އެ ދެމީހުން ބަންދުގައި ބަހައްޓަން ނިންމީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނާމެދު ހިންގޭ އެފަދަ ކުށްކުރާ މީހުން ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަކީ އެ މާއްދާގެ މަޤްސަދެއް ކަމަށް ބެލެވޭތީ އާއި މައްސަލައިގެ ބާވަތުން އެ ދެމީހުންނަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ ދެ މީހުން ކަމަށް ފެންނާތީ ކަމަށެވެ.

އެމްޑީޕީގެ ވައިކަރަދޫ ކައުންސިލަރުގެ އަލީ އާމިރުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންތަކަކާމެދު ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިންގުމުގެ ކުށުގަ އެވެ. އަދި ސުނިލް ބަންދު ކޮށްފައިވަނީ 15 އަހަރުގެ ދޮންދަރިއަކާ މެދު އެކި ދުވަސްމަތިން ބަދުއަހްލާޤީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

މިއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމުގެ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.