05 Jul 2016, 22:38
މިސްކިތެއްގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައިވެސް ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މާދަމާ އީދު ނަމާދަށްފަހު އިސްލާމިކް މަރުކަޒު ހިމެނޭ ސަރަހައްދުގައި ހާއްސަ ދުވާއެއް ކުރާނެކަން އިދިކޮޅު އިއްތިހާދުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
އެކަން އިއުލާންކޮށްފައިވަނިކޮށް ފުލުހުން ބުނީ މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ މުގައްދަސް ތަންތަން ކަމަށްވެފައި މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަހައްދު ތަކުގައިވެސް ސިޔާސީ ހަރަކާތް ހިންގުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ.
"މިސްކިތްތަކުގައި އަދި މިސްކިތް ހިމެނޭ ސަރަޙައްދުގައި ސިޔާސީ ޙަރަކާތް ހިންގާނަމަ އެކަމެއް ހުއްޓުވަންވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފަ" ފުލުހުން ބުންޏެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން ބުނީ މާދަމާ ފިތުރު އީދު ނަމާދަށް އިސްލާމީ މަރުކަޒަށް ވީހާވެސް ގިނަ ރައްޔިތުން އައިސް، ނަމާދުގެ ޖަމާއަތުގަ އާއި އެމްޔޫއޯއިން ކުރާ ދުއާގައި ބައިވެރިވެ، ރައީސް ޔާމީނާ އީދު ސަލާން ކުރުމަށް މަޑު ކުރެއްވުމަށް އިއްތިހާދުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.