05 Jul 2016, 21:45
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ ފައިނަލާ ހަމައިން ކެޓި އައިސްލެންޑުގެ ޓީމު އެނބުރި ދިއުމުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މަރުހަބާ ކިޔުމަށް އެއްވެއްޖެ އެވެ.
ބަޠަލުންގެ ގޮތުގައި އައިސްލެންޑުން މިހާރު ދެކެމުންދާ އެ ގައުމުގެ ފުޓްބޯޅަ ޓީމު އެނބުރި ދިއުމާއެކު އައިސްލެންޑުގެ ވެރިކަންކުރާ ސިޓީ ކަމަށްވާ ރޭކަވިކަށް އެތައް ހާސް ރައްޔިތުންތަކެއް އެއްވެފައިވެ އެވެ.
ޔޫރޯގެ ތެރެއިން ވެސް ސްޓޭޑިއަމް ތެރެއިން ޔޫރަޕުގެ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އައިސްލެންޑުގެ ސަޕޯޓަރުންގެ ތަރުހީބު ފާހަގަކޮށްލެވެ އެވެ. "ވައިކިންގްސް"ގެ ތަރުހީބު ސްޓޭޑިއަމްގެ ތެރެއިން ފެނިގެންދިޔަ އިރު، ގައުމީ ޓީމާއެކު ރައްޔިތުން ދަނީ އައިސްލެންޑުގައި އެ އަޑުތައް ގުގުމަމުންނެވެ.
އައިސްލެންޑުގެ ފުރަތަމަ ބޮޑު މުބާރާތަކަށް ވެގެންގޮސްފައިވަނީ ޔޫރޯ 2016 އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުން އައިސްލެންޑު ބަލިވީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ފްރާންސް އަތުންނެވެ. އެ މެޗުން އައިސްލެންޑް ބަލިވީ 5-2 ލަނޑުންނެވެ.

އައިސްލެންޑުގެ ޓީމު އެނބުރި ގައުމަށް ދިއުން: އެތައް ހާސް ރައްޔިތުންތަކެއް މަރުހަބާ ކިޔުމަށް އެއްވެފައިވޭ --- ފޮޓޯ: އޭޕީ
ޔޫރޯގައި އައިސްލެންޑުގެ ނަން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ދެވަނަ ބުރުގެ މެޗުގައި ވަރުގަދަ އިނގިރޭސިންގެ މައްޗަށް ކުރި ހޯދުމާއެކު އެވެ. ތިން ލައްކައިގެ އާބާދީއެއް އޮންނަ އައިސްލެންޑުގެ ޓީމުން އިނގިރޭސިން ހިތްދަތިކޮށްލީ އެ މެޗުގައި 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.
ޔޫރޯ އަށް ކޮލިފައިވުމުގައި ވަރުގަދަ ހޮލެންޑަށް އުނދަގޫ ޖެއްސުވި ޓީމެއްގެ ގޮތުގައި އައިސްލެންޑު ފާހަގަކޮށްލެވޭ އިރު، އެ ޓީމު ވަނީ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލާއި ހަންގޭރީ ހިފަހައްޓައި އޮސްޓްރިއާ އަތުން މޮޅުވެފަ އެވެ.