05 Jul 2016, 21:19
އަމިއްލަ ގައުމުގައި ކުރިއަށްދާ ޔޫރޯގެ ސެމީ ފައިނަލު މެޗަށް ފްރާންސުން ނުކުންނާނީ ޖަރުމަން އަތުން ބަދަލު ހިފުމަށް ކަމަށް މޫސާ ސިސޯކޯ ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ޖަރުމަނާ ދެކޮޅަށް ފްރާންސް ނުކުންނަ އިރު، ވޯލްޑް ކަޕް 2014ގެ ކުއާޓާ ފައިނަލުގައި ޖަރުމަން ވަނީ ފްރާންސް އަތުން މޮޅުވެފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ޖަރުމަނެވެ.
"ކޮންމެ ގޮތެއް ހަދައިގެން ވެސް އެ މެޗުން މޮޅުވެ، ފައިނަލަށް ދާން އަހަރެމެން ބޭނުން. ވޯލްޑް ކަޕުގައި ކުއާޓާއިން އަހަރެމެން ކަޓުވާލުމުން އެކަން އަދިވެސް ހަނދާންވޭ. މިއީ އެކަމުގެ ބަދަލު ހިފަންވީ ވަގުތު. އަހަރެމެންނޭ އެއްގޮތަށް ޖަރުމަނުގައި ވެސް އޮތީ ޒުވާން ޓީމެއް. އެމީހުންގެ ވެސް ރަނގަޅު ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ޓީމެއް އެބައޮތް،" ފްރާންސްގެ ޓީމުގައި ހިމެނޭ ސިސޯކޯ ބުންޏެވެ.
އޭނާ ބުނީ، މީގެ ދެ އަހަރު ކުރިން އޮތް ޓީމަށްވުރެ މިހާރު ފްރާންސްގެ ޓީމު ރަނގަޅު ކަމަށާއި ދެން ފްރާންސުން ޖެހޭނީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭން ކަމަށެވެ.
"ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވެގެންދާނެ. އެކަމަކު އަހަރެމެންނަށް ހޯމް އެޑްވާންޓޭޖް އެބައޮތް. އަހަރެމެންގެ ހުރިހާ ހަތިޔާރެއް ބޭނުންކޮށް، ރަނގަޅު ކުޅުމަކާއެކު ފައިނަލަށް ދެވޭނެ،" ސިސޯކޯ ބުންޏެވެ.
ސެމީގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށް ފްރާންސް ނުކުންނަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 12:00ގައެވެ.