05 Jul 2016, 20:36
ރާއްޖޭގެ ކިތަންމެ އިސް ފަރާތެއް ކަމަށް ވިޔަސް ގާނޫނާޚިލާފު ބޮޑު ކަމެއް ކޮށްފިނަމަ އެމީހަކަށް އެކަމުގެ ހައްގު އަދަބު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިރޭ ދިވެހި ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އަޅުގަނޑުމެންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށެވެ.
"....ރާއްޖޭގެ ކިތަންމެ އިސް ފަރާތަކުންނަމަވެސް ގާނޫނާޚިލާފު ބޮޑު ކަމެއް ހިންގައިފި ކަމަށްވަންޏާ، ހައްގު ޖަޒާ ނޫނީ ހައްގު އަދަބު ލިބިގެންދާނެ. އެއީކީ ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއް ނޫން. އެއީ އަދުލު އިންސާފުގެ ދާއިރާއިން، ނޫނީ އަދުލު އިންސާފުގެ މަގުގެ ތެރެއިން ނިމިގެންދާ ކަމެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެކި ފެންވަރުގައި ހިމެނިގެންމިދާ ސިޔާސީ މައްސަލަތަކުގައި، ސިޔާސީ އިސް ފަރާތްތަކުން ކުރައްވާ ކަންކަމުގައި، އެބޭފުޅުންނަށް ހުކުމް އައިސް، ކޯޓުގެ ތެރެއިން ޙުކުމް ތަންފީޒު ވެގެންދާއިރު، ނުކުންނަ މައްސަލަތައް މަދު ނޫން ކަމަށާއި އެ މައްސަލަތައް، ބައިނަލްއަގުވާމީ މުޖުތަމައުން ނަގަނީ ވަރަށް ނޭއްގާނިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު، ނުވަތަ ތީމުގެ ހިންގި ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަން ވަނީ ނިންމާފައެވެ.
ރައީސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ކްރިމިނަލް ކޯޓުން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ސިފައިން މެދުވެރިކޮށް އެ ކޯޓުގެ އިސް ގާޒީ ހައްޔަރުކުރުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އިތުރު މައްސަލަތަކެއް ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ހުންނެވީ 33 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އަދި ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރު ކުރަން އުޅުމުގެ ކުށުގައި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި ސަރުކާރުގެ އެންމެ ފުރަތަމަ ޑިފެންސް މިނިސްޓަރު ހުންނެވީ ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމެއްގައެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވެސް ހުންނެވީ 12 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.
ސިފައިންގެ ބަޑިގުދަނުން ގަވާއިދާ ޚިލާފަށް ހަތިޔާރު ބޭރުކޮށް ބ. ހިބަޅިދޫ އަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ކަސްޓަމަރެއްގެ އެކައުންޓުން ފައިސާ ޖަމާކުރިގޮތް ފަޅާއަރުވާލި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ދައުލަތުން ދާދިފަހުން ވަނީ ދައުވާ އުފުލާފަ އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅޭ ބަޔަކު ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.