05 Jul 2016, 21:27
ދިވެހިރާއްޖެ ތަރައްގީގެ މަގުން ކުރިއަށްދާތީ އެކަމާއި ކަންބޮޑުވާ ފަރާތްތަކެއް ތިބޭނެކަން ދިވެހިން ގަބޫލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބްކުރައްވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ، ރާއްޖެ ތަރައްގީގެ މަގުން ކުރިއަށްދާތީ ރާއްޖެއާ ދޭތެރޭގައި ކަންބޮޑުވާ ނުވަތަ ހަސަދަވެރިވާ ފަރާތްތަކެއް ތިބޭނެކަން ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ކުރާ މަސައްކަތަކީ، ރާއްޖޭގައި ހުރި ދަތިކަން ފިލުވޭނެ ގޮތްތަކަކަށް މަޝްރޫއުތައް ކުރިއަށް ގެންދިޔުން ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައީ ސިޔާސީ ބޭފުޅަކާ ވާދަވެރިވެ ވާދަކުރަން ނޫން ކަމަށާއި މިސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ކަމަށް ވިދާޅުވިއެވެ.
އެތައް އުނދަގުލަކާއެކީވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ކުރެވެމުންދާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރަށް އަންނަ ލޮޅުން ކުޑަ ނޫން ކަމަށާއި ސަރުކާރުގެ އެތެރޭގައިވެސް މައްސަލަތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.
" މި ޓަރމްގެ ތިންވަނަ އަހަރުގެ ތެރޭގައި އުޅޭއިރު، ތިން ނައިބު ރައީސުން އަޅުގަނޑުމެންނާއެކީ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ޑިފެންސް މިނިސްޓަރުންގެ ތިން ބޭފުޅުން. ވަޒީރުންގެ ތެރެއިން ދިހަވަރަކަށް ބޭފުޅުން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ވަކިވެވަޑައިގެންފި. އެހެންވީމާ، މި ސަރުކާރަށް ހުރި މައްސަލަތައް ކުޑައެއްނޫން." ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ބައިނަލްއަޤްވާމީ ގޮތުން ސަރުކާރަށް ހުރި ދަތިތައް ކުޑަނޫން ކަމަށާއި އެ ދަތި ދަނޑިވަޅުގައި ޕީޕީއެމް ތެރޭގައި މައްސަލަ އުފެދުމަކީވެސް ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.