ތުރުކީގެ ފެނަބާޗޭ އަށް ކުޅެމުންދިޔަ ޕޯޗުގަލް ފޯވަޑް ލުއިސް ނާނި، ސްޕެއިންގެ ވެލެންސިއާ އަށް ސޮއިކޮށްފި އެވެ.

ވެލެންސިއާ އަށް ނާނި ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 8.5 މިލިއަން ޔޫރޯގެ އަގަކަށެވެ.

ވެލެންސިއާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނާނި އާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ސީޒަނުގައި އޭނާ އެ ކްލަބުން ފެނިގެންދާނެ ކަމަށެވެ.

އުމުރުން 29 އަހަރުގެ ނާނި ވަނީ ފެނަބާޗޭގެ އިތުރުން ޕޯޗުގަލްގެ ސްޕޯޓިންއާއި، އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އޭނާ ވަނީ ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގަކާއި ހަތަރު ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

ޔޫރޯގެ ސެމީ ފައިނަލަށް ޕޯޗުގަލް ގެންގޮސްދިނުމުގައި ވެސް ނާނި ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ސެމީގައި މާދަމާ ރޭ ޕޯޗުގަލް ނުކުންނަން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ.