މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ ގޮންޖެހުންތައް ހުރިނަމަވެސް އެކަން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުހާތަބް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ، ބައިނަލްއަގުވާމީ މުޖުތަމައުއިން އަންނަ ބޮޑު ގޮންޖެހުމަކަށްވީނަމަވެސް މި ސަރުކާރުން އެކަން ކުރަނީ މުޅި ރައްޔިތުންގެ ޙައްގުގައި ކުރާނެ ކަމެއްގެ ގޮތުގައި ކަމަށެވެ.

"މަރުގެ ހުކުމް މި ތަންފީޒު ކުރަނީ، އެ ޙުކުމް ތަންފީޒު ކުރުމަކީ، ރައީސަށް ފަސޭހަ ކަމަކަށްވާތީކީނޫން. އެކަމަކު މުޅި މުޖުތަމަޢުގެ މަޞްލަޙަތާއި ރައްކާތެރިކަން އޮތީ އެގޮތުގައި ކަމަށް ރައީސަށާއި ކެބިނެޓަށް ގަބޫލުކުރެވޭތީ، މި ފިޔަވަޅު އަޅަން ރައީސް ނިންމީ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނޯންނާނެ ކަމަށް ނިންމުމުންވެސް އެކަން ވަރަށް ބޮޑު މައްސަލައަކަށް އެކިފަރާތްތަކުން ހެދިކަމަށާއި، އެހެންކަމުން ދެންހުރި ކަންތައްތަކަށް ވެސް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަވަހާރަކޮށްލި ހުސެއިން ހުމާމް އާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތު މެރުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފައެވެ.