05 Jul 2016, 19:23
ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބުކުރައްވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ، ޕީޕީއެމްއަކީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައި ރާއްޖެ ބިނާކުރަން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި އެޕާޓީގެ ތެރޭގައި މައްސަލަތަކެއް އުޅޭނަމަ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕު ނުވަތަ ޕީޕީއެމް ކައުންސިލް މެދުވެރިކޮށް އެކަން ހައްލުކުރެވޭނެ ކަމަށެވެ. މީގެ ހަތަރު އަހަރު ކުރީގެ ރާއްޖެއަށް އިއާދަނުވެ ހައްލު ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިކަމުގައި ޕީޕީއެމްގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅެގެން ނުވާނޭ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅޭކަށް ޖާގައެއް ނުދެވޭނެއޭ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅެންޖެހޭ ސަބަބެއްނެތޭ. އަޅުގަނޑުމެންގެ ޕާޓީއަކީ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންތަކެއް އުޅޭ ޕާޓީއެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް "ރައީސަށް ފުރުސަތުދޭން ޖެހޭ" ކަމަށާއި އެހެންކަމުން އެކަންކަމަށް ހައްލު ގެނައުމަށް އެންމެން އެކަތިގަނޑަކަށްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި މަޝްވަރާއަށް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ހައްލުވެގެންދާނީ މަޝްވަރާ މޭޒު ކައިރިން. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ހައްލުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް." ރައީސް ވިދާޅުވިއެވެ.
މިދަނޑިވަަކީ ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައިވާ ދުވަސްވަރެކެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީނާ ދޭތެރޭ ވަނީ ދެބަސްވުންތަކެއް އުފެދިފައެވެ.