Last Updated: 9 year 5 month ago
ފިޠުރުޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދައްކަވާ ވާހަކަފުޅުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ވާހަކަފުޅު ދައްކަވާނެ!
އެހެންވީމާ، އަޅުގަނޑު ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް އިލްތިމާސް މިކުރަނީ، ޕީޕީއެމްއާއެކީ ސާބިތުކަމާއެކީ ތިއްބަވާށޭ. އަޅުގަނޑުމެންގެ ތެރޭގައި މިހިރަ މައްސަލަތައް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޙައްލުކުރާނަމޭ.
އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ، އަޅުގަނޑުމެން ޕާޓީގެ ހުރިހާ ފަރާތްތަކަށް، މަޝްވަރާ އިސްކުރުމާއެކީ އަޅުގަނޑުމެންގެ ތެރޭގައި މިހިރަ މައްސަލަތައް، މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި، މުޅި ރައްޔިތުންގެ ޙައްޤުގައި މި މައްސަލަތައް ޙައްލުކުރުމަށް މަޝްވަރާ ކުރަން، މި ހިތްވަރު އަޅުގަނޑުމެން އެބަ ހޯދަންޖެހޭ.
އިރާދަކުރެއްވިއްޔާ، މި ހިތްވަރު އަޅުގަނޑުމެންނަށް ލިބޭނެ. މިނޫންގޮތަކަށް މިކަން ކުރެވިއްޖެ ކަމަށްވަންޏާ، މިއީ އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކަށް، ނޫނިއްޔާ ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅަން ހުރި ފަރާތްތަކަށް ލިބޭ ޢީދުގެ ބޮޑު ހަދިޔާއެއް.
މި ހަދިޔާދޭކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ފިކުރަށް ތާއީދުކުރާ އެއްވެސް މީހަކު މި ހަދިޔާދޭކަށް ބޭނުމެއްނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރާނީ ބިނާކުރަނިވި މަސައްކަތްތަކެއް. ބިނާކުރަނިވި މަސައްކަތްތަކުގެ އަސާސަކީ، ޚިޔާލު ތަފާތުވާއިރު މަޝްވަރާ ކުރުން.
އަޅުގަނޑު އެދެނީ ހުރިހާ ފަރާތަކުންވެސް މަޞްލަޙަތަށް ލޯބިކުރެއްވުން. މަޞްލަޙަތަށް ލޯބިކުރަންޖެހެނީ، މުޅި ދިވެހިރާއްޖޭގެ، މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތަށް ލޯބިކުރާ ބަޔަކު، އަޅުގަނޑުމެންގެ ޕާޓީގައި ތިބޭތީ. މި ރާއްޖެ މިހާރު މިއޮތް ހިސާބުން އިތުރު ގޯހެއްވާކަށް ފުރްޞަތު ދެވޭކަށް ޖާގައެއް ނޯންނާނެ.
އެހެންވީމާ، މި ސަރުކާރަށް ހުރި މައްސަލަތައް ކުޑައެއްނޫން. ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް ހުރި ދަތިތައް ކުޑައެއްނޫން. މި ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި މައްސަލަ އުފެދިގެން ދިޔުމަކީ، އަޅުގަނޑަކަށް ގަބޫލުކުރަން ފަސޭހަކަމެއް ނޫން.
މިހުރިހާ ކަމަކާއެކީ، ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަށް އަންނަ ލޮޅުން ކުޑައެއް ނޫން. މި ސަރުކާރުގެ އެތެރޭގައިވެސް މައްސަލަތަކެއް ހުރި. އަޅުގަނޑުގެ މި ޓަރމްގެ ތިންވަނަ އަހަރުގެ ތެރޭގައި އުޅޭއިރު، ތިން ނައިބު ރައީސުން އަޅުގަނޑުމެންނާއެކީ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. ޑިފެންސް މިނިސްޓަރުންގެ ތިން ބޭފުޅުން. ވަޒީރުންގެ ތެރެއިން ދިހަވަރަކަށް ބޭފުޅުން، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ ވަކިވެވަޑައިގެންފި.
އަޅުގަނޑުމެންނަކީ ޖިނާއީ ޢަދުލުގެ ކުރިމަތީގައި ހަމަހަމަ ބައެއް. އެހެންވީމާ، ރާއްޖޭގެ ކިތަންމެ އިސް ފަރާތަކުންނަމަވެސް ޤާނޫނާޚިލާފު ބޮޑު ކަމެއް ހިންގައިފި ކަމަށްވަންޏާ، ޙައްޤު ޖަޒާ ނޫނީ ޙައްޤު އަދަބު ލިބިގެންދާނެ. އެއީކީ ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއް ނޫން. އެއީ ޢަދުލު އިންޞާފުގެ ދާއިރާއިން، ނޫނީ ޢަދުލު އިންޞާފުގެ މަގުގެ ތެރެއިން ނިމިގެންދާ ކަމެއް.
ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނޯންނާނެ ކަމަށް އަޅުގަނޑުމެން ޑިކްލެއަރ ކުރީމަ، މިއީ ވަރަށްބޮޑު މައްސަލައަކަށްވެގެން މިދިޔައީ. އިންސާނީ ޙައްޤުތަކާބެހޭ އދ.ގެ ޖަމްޢިއްޔާއިންވެސް މި މައްސަލަ، މައްސަލައަކަށް ނެގި. އަދި ދުނިޔޭގެ އެކި ހިސާބުން މި މައްސަލަ، މައްސަލައަކަށް ނެގި.
ރާއްޖޭގައި މަރުގެ ޙުކުމް މި ތަންފީޒު ކުރަނީ، އެ ޙުކުމް ތަންފީޒު ކުރުމަކީ، ރައީސަށް ފަސޭހަ ކަމަކަށްވާތީކީނޫން. އެކަމަކު މުޅި މުޖުތަމަޢުގެ މަޞްލަޙަތާއި ރައްކާތެރިކަން އޮތީ އެގޮތުގައި ކަމަށް ރައީސަށާއި ކެބިނެޓަށް ގަބޫލުކުރެވޭތީ، މި ފިޔަވަޅު އަޅަން ރައީސް ނިންމީ. މިއީވެސް ބައިނަލްއަޤްވާމީ ގޮތުން މި ސަރުކާރަށް އަންނަ ވަރަށްބޮޑު ގޮންޖެހުންތަކެއް، ފާޑުކިޔުންތަކެއް ރައްދުވާ މައްސަލައެއް.
އެހެންނަމަވެސް، މި ސަރުކާރުގެ ޢަޒުމަކަށް ބަދަލެއް ނާންނާނެ. މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ، މި ސަރުކާރުން މުޅި ރައްޔިތުންގެ ޙައްޤުގައި ކުރާނެ ކަމެއް. އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު އެދަނީ ވަމުން. ޒުވާނުން ހަމަ މަގަށް އެޅުވުމަށްޓަކައި މިކުރާ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ކަހަލަ ކަންކަން ހިމެނޭ.
އަޅުގަނޑު ހުރިހާ ފަރާތަކަށްވެސް މިއަދު މި އިލްތިމާސް ކުރަނީ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޕާޓީގެ ޢާންމު މެންބަރުންނަށް މި އިލްތިމާސް ކުރަނީ، މި ޙައްލު ހޯދުމުގައި ހުރިހާ ބޭފުޅުން އެކަތިގަނޑަކަށްވެވަޑައިގަންނަވާށޭ.
އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އުޞޫލުތަކާ އެއްގޮތަށް، ކަންކަން ނިންމުމަށް، އަޅުގަނޑުމެން ޕާޓީގެ އިސް މީހުންނަށް ހިތްވަރު ދެއްވާ! އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވެގެންދާނީ މަޝްވަރާ މޭޒު ކައިރިން. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތައް ޙައްލުވުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް.
މި ސަރުކާރު މިއައީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެހެންވީމާ، ސަރުކާރަށް ހުރިހާ ފަރާތެއްގެ އެއްބާރުލުން ދެއްވަން އެބަޖެހޭ. ރާއްޖޭގައި މިނަގާ، ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި މިނަގާ ޕޮޒިޝަންތަކުން، ނޫނިއްޔާ އަޅުގަނޑުމެން ނަގާ ފިޔަވަޅުތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ބޮޑެތި އަމާޒުތައް، ގޮންޖެހުންތައް އެބަހުރި.
ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުޅޭކަމަށްވަންޏާ، އަޅުގަނޑުގެ އިލްތިމާސަކީ، މައްސަލަތައް ޙައްލުކުރެވޭނެ ގޮތްގޮތް ހުންނާނެއޭ. ކޮންމެ ޑިމޮކްރެޓިކް ޕާޓީއަކީ މަޝްވަރާ މަޖިލިސްތަކެއް ހިމެނޭ ޕާޓީއެއް. ޕީޕީއެމްގެ ތެރޭގައިވެސް މަޝްވަރާ މަޖިލީހުގެ ދެ މަޖިލިސް އެބައޮވޭ. އެއީ، ޕާލަމެންޓްރީ ގްރޫޕް، ނޫނިއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕް. ނޫނިއްޔާ ޕާޓީއަށް، ޕާޓީގެ ރައީސަށް ލަފާއަރުވަން އޮންނަ ޕާޓީގެ ކައުންސިލް. މައްސަލަތަކެއް އުޅޭކަމަށްވަންޏާ މި ދެ މަޝްވަރާ މަޖިލިސް މެދުވެރިކޮށް، ޙައްލުކުރެވެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ޙައްލެއް ނުހޯދުން އެއީކީއެއް އަޅުގަނޑުމެންނަކަށް އޮތް ފުރްޞަތެއް ނޫން. އެއީކީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ނޫން. ޙައްލެއް ހޯދަންޖެހޭ ސަބަބަކީ، އަޅުގަނޑުމެން ބޭނުންނުވަނީ މީގެ ހަތަރު އަހަރު ކުރީގެ ދިވެހިރާއްޖެއަށް އިޢާދަވާން. އެހެންވީމާ، ޙައްލު ހޯދަންޖެހޭ.
އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް، ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ، ރައީސް ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ރައީސަށް ފުރްޞަތުދޭން އެބަޖެހެޔޭ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަކީ، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ތަރައްޤީ. ޒުވާނުން ދުޅަހެޔޮކަންމަތީގައި ރަނގަޅު ތަރުބިއްޔަތަކާއެކީ، އަންނަން އޮތް ޖީލުގައި މަސައްކަތް ކުރާނެ ޒިންމާދާރު ބަޔަކަށް ހެދުމުގެ ފުރުޞަތު.
މިހުރިހާ ކަމެއް މިހެން އޮތްއިރުވެސް، އަޅުގަނޑުމެންނަށް މި ހަފްތާގެ ތެރޭގައި ހިތްދަތިކަމާއި، ހިތްނުތަނަވަސްކަމުގެ ޚަބަރުތަކެއް ލިބިގެން މިދިޔައީ.
ރައްޔިތުންނާ އަޅުގަނޑު ޙިއްޞާކޮށްލަން ބޭނުންވަނީ، ރާއްޖޭގެ ވެރިކަންކުރާ ޕާޓީ އަދި ރާއްޖޭގައި އޮތް އެންމެބޮޑު ސިޔާސީ ޕާޓީ، ޑިމޮކްރެޓިކް ޕާޓީ، ޕީޕީއެމްގެ ތެރޭގައި ހިތްނުތަނަވަސްވާ ކަހަލަ މައްސަލަތަކެއް ހުރިކަމުގެ ޚަބަރު، އަޅުގަނޑުމެންނަށް މީޑިއާގެ ތެރެއިން އިވިގެން މިދިޔައީ.
އަޅުގަނޑު މިކަމުގައި ޕީޕީއެމްގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅެގެން ނުވާނޭ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅޭކަށް ޖާގައެއް ނުދެވޭނެއޭ. އަޅުގަނޑުމެންގެ ތެރޭގައި މައްސަލަތަކެއް އުޅެންޖެހޭ ސަބަބެއްނެތޭ.
އަޅުގަނޑުމެންގެ ޕާޓީއަކީ އެއްބަނޑުއެއްބަފާ އަޚުންނާއި އުޚުތުންތަކެއް އުޅޭ ޕާޓީއެއް. އަޅުގަނޑުމެންނަކީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައި ރާއްޖެ ބިނާކުރަން މަސައްކަތްކުރާ ޕާޓީއެއް.
އަޅުގަނޑުމެން ދުށިން، މީގެ ހަތަރު ފަސް އަހަރު ކުރިން ރާއްޖޭގައި އައިސްފައި އޮތް ވެރިކަން. ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކަންތައްތައް ކުރުމާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވީރާނާވަމުންދާ ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ.
މިކަންކަމަށް ޙައްލު ހޯދުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވަނީ މިހާރު މިއޮތް ސަރުކާރު އައުން.
މި މަސައްކަތުގައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ހީވާގި ކެބިނެޓް ވަރަށް އަވަދިނެތި މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ. ﷲގެ ރަޙްމަތާއެކީ، މިހުރިހާ އުނދަގުލަކާއެކީވެސް ރައްޔިތުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތަކެއް، ރާއްޖޭގެ ހުރިހާ ދިމާއެއްގައި ކުރެވެމުންދާކަން އުފަލާއެކީ އަޅުގަނޑު ފާހަގަކުރަން.
އަޅުގަނޑު ވެރިކަމަށް އައީ، އެއްވެސްގޮތަކަށް، އެއްވެސް ސިޔާސީ ބޭފުޅަކާ ވާދަވެރިވާކަށެއް ނޫން، ވާދަކުރާކަށެއް ނޫން. އަޅުގަނޑު އައީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް. އޭގެތެރޭގައި، ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުން. ޒުވާނުން މަސްތުވާތަކެއްޗަށް ގޮސް ޣަރަޤުވާ މައްސަލަ ޙައްލުކުރުން. ރާއްޖޭގެ އަމަންއަމާން ގެއްލިގެންދާ މައްސަލަ ޙައްލުކުރުން. މީހުންނަށް ރަޙުމްކުޑަ ޙަމަލާތައް ދެވޭ ޙަމަލާތައް ހުއްޓުވުން. އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަނުދިނުން. ރާއްޖޭގެ އެކި ހިސާބަށް ބޭނުންވާ ތަރައްޤީގެ އެކި މަޝްރޫޢުތައް ފުޅާކުރަމުން ގެންދިޔުން. ރާއްޖޭގެ ބިން ފުރިފައިވާ ރަށްރަށުގެ ބިން ބޮޑުކޮށްދިނުން. ނަރުދަމާއާއި، ފެނުގެ ނިޒާމުތައް ޤާއިމްކޮށްދިނުން. ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންތައްތައް ރަނގަޅު ކޮށްދިނުން. ތަޢުލީމީ ދާއިރާއަށް ބޭނުންވާ ހުރިހާ މުދައްރިސުންނަކީ ޑިޕްލޯމާ ފެންވަރުގެ މުދައްރިސުންނަށް ހަދައިދިނުން. ކުރުގޮތަކަށް ދަންނަވާކަމަށްވަންޏާ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައި، ދަތިވެފައި މިހިރަ ހުރިހާ މައްސަލަތަކަށް ޙައްލުތަކެއް ހޯދައިދޭން.
އަޅުކަމުގެ މައްސަރެއް ނިމިގެންދާއިރު، އަދި އަޅުކަމުގެ މަތީގައި އަޅުގަނޑުމެން ތިބޭއިރު، އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވީ އިންސާނިއްޔަތަށް ޚިދުމަތް ކުރަން. ދުނިޔެ އާރާސްތު ކުރަން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ، ޤައުމުތަކުގެ ވެރިން ކުރާ މަސައްކަތްތަކަކީ، އެ ޤައުމުތަކުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ، ބިނާކުރަނިވި، އާރާސްތުކުރަނިވި މަސައްކަތްތަކެއް. އަޅުގަނޑު މިކުރާ މަސައްކަތަކީ، އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން މިކުރާ މަސައްކަތަކީ، ރާއްޖޭގައި ހުރި ދަތިކަން ފިލުވޭނެ ގޮތްތަކަކަށް އަޅުގަނޑުމެންގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން.
ދިވެހި ހުރިހާ ޒުވާނުންނަށް ރައީސް ޔާމީން ދޭން ބޭނުންވާ މެސެޖަކީ، ތިޔަ ޒުވާނުންދެކެ ރައީސް ޔާމީނާއި، ސަރުކާރުގެ ހުރިހާ ވެރިން ވަރަށް ލޯބިވެޔޭ. ހުރިހާ މަންމައިންނާއި ބައްޕައިން ލޯބިވެޔޭ. އެހެންވީމާ، ޒުވާން ކުދިންގެ ޚިޔާލަށް ގެންނަންވީ، ހުރިހާ ގޯސް ކަންތައްތަކުން ދުރުހެލިވާން. ޒުވާން ކުދިންނަކީ ރަނގަޅު ތަޢުލީމެއް ހާސިލުކޮށްގެން މަސައްކަތްކުރާ ބަޔަކަށްވާން. ޒުވާން ކުދިންނަކީ ސިނގިރެޓް ނުބޯ ބަޔަކަށްވުން. އަދި އަމުދުން މަސްތުވާތަކެއްޗާ ދުރުގައި އުޅޭ ބަޔަކަށްވުން. ވިޔާނުދާ ކަންތައްތަކާ އަމުދުން ދުރުވުން. ޒުވާން ކުދިންގެ ޙަޔާތް އުފާވެރި ޙަޔާތަކަށް ބަދަލުވެއްޖެ ކަމަށްވަންޏާ، މުޅި ދިވެހިރާއްޖެއަކީ ވަރަށް އުފާވެރި ތަނަކަށް ބަދަލުވެގެންދާނެ. އެހެންވީމާ، މި ޢީދުދުވަހު ޢީދުގެ ސަލާން، ތިޔަ ހުރިހާ ކުދިންނަށް މި ފޮނުވަނީ، މިކަހަލަ އުފާވެރި އަދި މިކަހަލަ އެދެވޭ ޝުޢޫރުތަކަކާއެކީ.
އާދެ، ޢީދު ދުވަހުގެ ތަހުނިޔާ ހުރިހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން. އަދި އެޔާއެކީ ހުރިހާ ކުޑަކުދިން ގާތުގައި ބުނެލަން ބޭނުންވަނީ، ރައީސް ޔާމީން ހުރިހާ ކުޑަކުދިންނަށް ޢީދު މުބާރިކް ކިޔަމޭ. އަދި ރައީސް ޔާމީން ބޭނުންވީ، ހުރިހާ ކުޑަކުދިންނަށް ޢީދުދުވަހު ހަދިޔާއެއް ދިނުމަށް. އެއީ، ސަލްޓަން ޕާކް ކުޑަކުދިންނަށް ބޭނުންކުރެވޭ، ފޫހިފިލާ ތަނަކަށް ހަދައިދިނުމަށް. އެހެންނަމަވެސް، ކަންތައްތައް ލަސްވެގެން ދިޔައިމަ، ސަލްޓަން ޕާކް މި ޢީދުދުވަހަށް ކުޑަކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ދެވޭގޮތްނުވީ. އިރާދަކުރެއްވިއްޔާ، ތިޔަ ހުރިހާ ކުޑަކުދިންނަށް ސަލްޓަން ޕާކް، މިއަހަރުގެ ތެރޭގައި ވަރަށް އަވަހަށް ތިޔަކުދިން އެދޭގޮތަށް، ޙަރަކާތްތެރިވެވޭނެ އުފާވެރި ތަނަކަށް ސަލްޓަން ޕާކް ބަދަލުވެގެންދާނެ.
އަޅުގަނޑުމެންނާ މަތިވެރި މައްސަރެއް ވަކިވެގެންދާއިރު އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު އުފަލަކީ، އެންމެބޮޑު ނިޢުމަތަކީ، އަޅުގަނޑުމެންނަށް މި މަތިވެރި މައްސަރުގެ ދަރުމައާއި ސަވާބު ލިބޭނެކަމަށް އަޅުގަނޑުމެން އަދާކުރި އަޅުކަން. އާދެ، ރަމަޟާން މަހުގެ ދަރުމައާއި ސަވާބަށް އެދި އަޅުގަނޑުމެން މި ރަމަޟާން މަސް މި ހޭދަކުރީ، އަދި މާދަމާ ފިޠުރުޢީދު ދުވަހު އަޅުގަނޑުމެން ބައްދަލުމިކުރަނީ، ޢީދުގެ ސަލާންތައް އަޅުގަނޑުމެންގެ އެކުވެރި، އުޚުއްވަތްތެރި ހުރިހާ ރައްޔިތުންނަށް ހުށަހަޅަމުން.