ހައިކޯޓަށް ހަތަރު ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ކިބައިގައި ހުންނަންވީ ޝަރުތުތައް ބަޔާންކޮށްފައެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން އަންނަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކަމާބެހޭ ލިޔުންތައް ޖޭއެސްސީ އަށް ހުށަހަޅަންޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅުން ނެގުމުގައި މާކްސް ދޭނެ ގޮތުގެ ކްރައުޓީރިއާ އެ ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ކުރިން ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ހައިކޯޓުގައި ތިބެންޖެހެނީ ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގެނައި އިސްލާހާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ 11 ގެ ގޮތުގައި ހަމަޖެހިފައެވެ.