ބ. ހިބަޅިދޫ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އިތުރުބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

އަދީބުގެ އިތުރުން އެ މައްސަލާގައި ދެން ދައުވާ އުފުލީ ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ އާއި އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ.

އެ މައްސަލާގައި ފަޔާޒުގެ މައްޗަށް ކުރި ދައުވާގައި ވަނީ އެޕްރީލް 26، 2015 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފްގެ އޯޑްނަންސް ސާވިސް ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި އިރު، އެ ޔުނިޓުގެ ބެލުމުގެ ދަށުގައި ހުރި ސިފައިންގެ ބަޑިގުނަދުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އޭނާ ބަޑިގުދަނުން ހަތިޔާރު ނެރެފައިވާއިރު، ގެއްލުނު ހަތިޔާރު ހޯދަން ކުރި މަސައްކަތަށް ފަޔާޒު ހުރަސް އަޅާފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

ހިބަޅިދޫއިން ފެނުނު ވަޒަނެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޑިގުދަނުން ގެއްލުނު ހަތިޔާރުތަކުގެ ތެރެއިން ބައެއް ހަތިޔާރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިބަޅިދޫން ފެނިފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

ދައުވާގައި ބުނެފައި ވަނީ އަދީބާއި އޮއިއްޓޭ މިދިޔަ އަހަރުގެ ތަފާތު އެކި ދުވަސްމަތިން، އަދީބު ދިރިއުޅުއްވި ހ. ހުމަށިގޭގެ އެޕާޓްމަންޓާއި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއްގައި ގޮވާތަކެތި ގެންގުޅެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ. އަދި އަދީބާއި ފަޔާޒު އާއި އޮއިއްޓޭ އާއި އިޝްފާހު އަދި އައްލާމް ބައިވެރިވެގެން އެ ހަތިޔާރު ހިބަޅިދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ.

ހިބަޅިދޫއިން އަތުލައިގަތް ހަތިޔާރު ދައްކާލަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މައްސަލާގައި ދައުވާ އުފުލާފައިވާ އޮއިއްޓޭ އާއި އިޝްފާހު އަދި އައްލާމް ހުރީ ރާއްޖެއިން ބޭރުގަ އެވެ. އެ ތިން މީހުންގެ ތެރެއިން އިޝްފާހު އާއި އައްލާމް ހޯދަން އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ވެސް ނެރެފައެވެ، އަދި އެ ތިން މީހުން ފުލުސް އޮފީހަށް ހާޒިރުވުމަށް އެއް މަސް ދުވަހުގެ ނޯޓިހެއް ފުލުހުން މީގެ ކުރިން ދީފައިވެއެވެ. ނަމަވެސް އެ ތިން މީހުން އުޅޭ ވަކި ގައުމެއް އަދި އެނގިފައެއް ނުވެއެވެ.

އެމީހުންގެ ތެރެއިން އަދީބުގެ މައްޗަށް ތިން ދައުވާ ސާބިތު 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ފަޔާޒު ގެންދަވަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.