ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީން "ސަން"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ފޮރިން މިނިސްޓަރުގެ މަގާމުން ދުންޔާ އިސްތިއުފާ ދެއްވިއިރު، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ގުޅުން ގޯސްވެ، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އެތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ.

ދުންޔާ މިއަދު އިސްތިއުފާ ދެއްވިއިރު، އެކަމަނާގެ ކޮއްކޮ އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ ޕީޕީއެމުން ވަކިކުރަން ނިންމާފަ އެވެ.

ފާރިސް ޕީޕީއެމުން ވަކިކުރަން ނިންމީ ޕީޕީއެމްގެ ރައީސް މައުމޫންގެ ހުއްދައެއް ނެތި މިއަދު ބޭއްވި ސުލޫކީ ކޮމެޓީންނެވެ. މައުމޫން އަންގާފައި ވަނީ އެމަނިކުފާނުގެ ހުއްދައެއް ނެތި ޕާޓީގެ ކޮމެޓީތައް ނުބޭއްވުމަށެވެ.