21 May 2011, 15:15
ގްރެޖްއޭޓް ވުމުގެ ކުރިން ސަރުކާރުގެ ދެ ކެބިނެޓް ޕޯސްޓް އަދާކުރައްވާފައިވާ ކަމަށް ބުނެވޭނީ ކިޔަވާ ކުދިންގެ ތެރެއިން ކިތައް ކުދިންނަށް ހެއްޔެވެ؟
އެކަމަކު ގާނޫނީ ރޮނގުން ޑޮކްޓަރޭޓް ޑިގްރީ މިއަދު ހާސިލުކުރެއްވި އަހުމަދު އަލީ ސަވާދު ވަނީ ދިވެހި ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރު ކަމާއި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
ޑރ. އަހުމަދު އަލީ ސަވާދު ކިޔަވާ ވިދާޅުވަމުން ގެންދެވި ޔުނިވަސިޓީ އޮފް އޮޓާގޯ ހުންނަ ރަށް، ނިއުޒީލޭންޑްގެ އޮޓާގޯގެ އޮޓާގޯ ޑެއިލީ ޓައިމްސްގައި އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ލިއުން ފަށާފައި ވަނީ އެހެންނެވެ.
އޮޓާގޯ ޑެއިލީ ޓައިމްސް ބުނަނީ އަހުމަދު އަލީ ސަވާދު ޕީއެޗްޑީ ހާސިލް ކުރެއްވުމަށް ޓަކައި ތީސީސް ލިއުއްވާފައިވާ މައުލޫ އަކީ "އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކުގައި އިސްލާމީ ގައުމުތަކުން ހަދާ ރިޒަވޭޝަންތައް" މިމައުލޫއަށް ކަމަށް ވެސް އޮޓާގޯ ޓައިމްސް ބުނެ އެވެ. އަދި އޭނާ ލިއުއްވި ތީސީސްއަކީ ވަރަށް މޮޅު )ބްރިލިއަންޓް( ތީސީސްއެއް ކަމަށް އޭނާ ކިޔަވާ ވިދާޅުވި ފެކަލްޓީގެ ޕްރޮފެސަރު ޕައުލް ރޮތް ވިދާޅުވެފައިވާ ވާހަކަ ވެސް އޮޓާގޯ ޓައިމްސްގައި ލިޔެފައިވެ އެވެ.
އޮޓާގޯ ޑެއިލީ ޓައިމްސްގައި ވެ އެވެ.
"އަހުމަދު އަލީ ސަވާދު ކިޔަވަމުން ދިޔައިރު އޭނާ އަށް ވަނީ ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ."
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަނިންމޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ސިޔާސީ މައިދާނަށް ނުކުންނެވި، ސަވާދު ތީސީސް ނުނިންމަވައި، ވޭތުވެ ދިޔަ ތިން އަހަރު ޑރ. ކިޔައިގެން މުހާތަބު ކުރަމުން ދިޔަ އިރު އޭނާ ވެސް އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އެކަން ރަނގަޅުކޮށްފައެއް ނުވެ އެވެ.
ސަވާދު މިއަދު ގްރެޖްއޭޓްވި ވާހަކަ ލިޔެފައިވާ ނިއުޒީލޭންޑްގެ އޮޓާގޯ ޑެއިލީ ޓައިމްސް އަކީ 1861 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ނެރެމުން އަންނަ އެގައުމުގައި އެންމެ ގިނަ ދުވަސްވީ އެއް ނޫހެވެ.
އޮޓާގޯ ޔުނިވަސިޓީން މިއަދު ގްރެޖްއޭޓްވާ ދަރިވަރުންގެ ލިސްޓް ވެސް އެނޫހުން ވަނީ އާއްމުކޮށްފަ އެވެ. އެލިސްޓްގައިވާ ޑޮކްޓަރު އޮފް ފިލޯސޮފީ ހާސިލް ކުރައްވާ ބޭފުޅުންގެ ލިސްޓްގެ 19 ވަނައަށް އޮތީ ޑރ. އަހުމަދު އަލީ ސަވާދުގެ ނަމެވެ.
ޑރ. ސަވާދުގެ ފޯން ނިއްވާލާފައިި އޮތުމުން އޭނާގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.