ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދައެއް ނެތި، އެ ޕާޓީގެ އެއްވެސް ކޮމެޓީއެއް ނުބޭއްވުމަށް އަންގާފައިވަނިކޮށް، މިއަދު ބޭއްވި ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ދިއްގަރު ދާޢިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއެކު އިތުރު ދެ ބޭފުޅަކު އެ ޕާޓީން ވަކިކުރަން ނިންމައިފި އެވެ.

ޕީޕީއެމް ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހުމާން ވިދާޅުވީ ފާރިސް ވަކިކުރަން ނިންމީ "ހަގީގަތުގައި ވެސް އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ" ކަމަށެވެ.

ފާރިސާއެކު ޕީޕީއެމުން ވަކިކުރަން ނިންމި އަނެއް ދެ ބޭފުޅުންނަކީ އެ ޕާޓީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީނެވެ.

މާލެ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރު ޒައިދުލް އަމީނު: އޭނާ ވަނީ ޕީޕީއެމުން ވަކިކުރަން ނިންމާފައި-- ފޮޓޯ/ ޒައިދު ފޭސްބުކް

ފާރިސް ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ތުރީލައިން ވިޕާ ހިލާފަށް ވޯޓު ދެއްވި މައްސަލާގަ އެވެ.

ރައީސް މައުމޫންގެ ދަރިކަލުން ފާރިސް، ޕީޕީއެމުން ވަކިކުރަން ނިންމެވިއިރު، ރައީސް މައުމޫން ޕީޕީއެމްގެ ކޮމެޓީތަކަށް އަންގާފައި ވަނީ އެމަނިކުފާނުގެ ހުއްދައެއް ނެތި ކޮމެޓީތައް ނުބޭއްވުމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސުލޫކީ ކޮމެޓީ ބޭއްވުމަށް "މައުމޫންގެ ހުއްދަ ނުލިބުނު" ކަމަށެވެ.

ފާރިސް ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓޫރިޒަމާ ބެހޭ އިސްލާހު މަޖިލީހުން ފާސް ނުކުރުމަށް ވޯޓު ދެއްވާފަ އެވެ.

އާމިނަތު ނާދިރާ: ނާދިރާ ވެސް ވަނީ ޕީޕީއެމުން ވަކިކުރަން ނިންމާފައިވޭ--

ފާރިސާމެދު ފިޔަވަޅު އެޅުމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވުމުން، މައުމޫން ވިދާޅުވީ ޕާޓީގެ ވިޕްލައިނާ ހިލާފަށް މީގެ ކުރިން ވެސް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވާފައިވާ ކަމަށާއި ހަމައެކަނި ފާރިސާމެދު ފިޔަވަޅު އެޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.