މިހާރު ބޮލީވުޑުގެ ފަންނާނުން އަންނަނީ އެކްޓު ކުރުމުގެ އިތުރުން ލަވަ ވެސް ކިޔަމުންނެވެ. އެކްޓު ކުރުމުގެ އިތުރުން ލަވަ ކިޔާ ފަންނާނުންގެ ތެރޭގައި، ފަރްޚާން އަޚްތަރު، އާޔުޝްމަން ޚުރާނާ، އާލިއާ ބަޓް އަދި ޝްރައްދާ ކަޕޫރު ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.

މިހާރު އަނެއްކާވެސް އެ ލިސްޓަށް އިތުރު ފަންނާނަކު އިތުރު ވަނީ އެވެ. "ރާގިނީ އެމްއެމްއެސް 2" ގެ އެކްޓްރެސް ސަނީ ލިއޯން ވެސް މިހާރު މިވަނީ ލަވަ ކިޔުމުގެ މަސައްކަތް ފަށައިފަ އެވެ.

ސަނީ ވަނީ މިއުޒިކް ސްޓޫޑިއޯ އެއްގައި މައިކެއް ކުރިމަތީގައި ހުރެ ނަގާފައިވާ ފޮޓޯ އެއް ޓުވީޓުކޮށްފަ އެވެ.

ފޮޓޯ އާއެކު ލިޔެފައި ވަނީ، މީހުންނަށް އިވޭ ހެން ލަވަކިއުމަކީ އޭނާ އެންމެ ބިރުގަންނަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

"ޕްރެކްޓިސް ކުރަން އެއް މަސް ދުވަސް ހޭދަކުރިން. ހުރިހާ އެންމެނަށް ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން،" ސަނީ ބުނެފައިވެ އެވެ.

ސަނީގެ އަޑުން ފުރަތަމަ ލަވައެއް އިވިގެން ދާނީ ޝާހު ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ރައީސް" އިންނެވެ. އެ ފިލްމަށް ސަނީ ކިޔައިދެނީ 1980 ވަނަ އަހަރު ނުކުތް "ގުރުބާނީ" ފިލްމުގެ "ލައިލާ އޮ ލައިލާ" ގެ އާ ވާޝަން އެވެ.

ފުރަތަމަ އެ ލަވަ ކިޔައިދީފައި ވަނީ ފީރޯޒް ޚާން އަދި ޒީނަތު އަމަން އެވެ.

ސަނީ އެންމެ ފަހުން ފެނިގެން ދިޔައީ ޖޭޒްމިން ޑިސޫޒާގެ ފިލްމު "ވަން ނައިޓް ސްޓޭންޑް" އިންނެވެ. ސަނީ އަކީ މިހާރު ދައްކަމުން އަންނަ ރިއަލިޓީ ޓީވީ ޝޯވ، "އެމްޓީވީ ސްޕްލިޓްސްވިލާ ސީޒަން 9" ގެ ހޯސްޓު ވެސް މެއެވެ.