މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފްކުރި ފުރަތަމަ އެޑިއުކޭޝަން ފައިނޭންސިން ސުކީމް، ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ތައާރަފްކޮށްފި އެވެ.

ވިލާ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސުކީމާ ގުޅޭ މައުލޫމާތު ދެއްވަމުން އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ނަޖީބް ވިދާޅުވީ، އެ ސުކީމުގެ ދަށުން ވިލާ ކޮލެޖުގައި އަންނަ ސެޕްޓެމްބަރު މަހު ފަށާ ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ހުރިހާ ޕްރޮގްރާމެއްގެ ބައިވެރިވެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ޕްރޮފެޝަނަލް ކޯހެއް ކަމަށްވާ އޭސީސީއޭ އަދި ޔޫކޭ އެކްސްޓާނަލް ލޯ ޑިގްރީ ޕްރޮގްރާމް ވެސް ބައިވެރިވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސުކީމުގައި ވިލާ ކޮލެޖުގެ ހުރިހާ ކެމްޕަހެއްގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

ސުކީމުގެ ދަށުން ދަރިވަރުންނަށް އެންމެ މަތީ އަދަދެއްގެ ގޮތުގައި ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ 250،000 ރުފިޔާ އެވެ. އަދި އެންމެ ދަށް ވެގެން ފައިނޭންސް ކުރެވޭނީ 30،000 ރުފިޔާ އެވެ.

ފައިނޭންސް ކުރާ އަދަދު ދައްކަން ޖެހޭނީ އެންމެ ގިނަ ވެގެން ހަތަރު އަހަރު އަދި މަދުވެގެން އެއް އަހަރުގެ ތެރޭގަ އެވެ. ސުކީމަށް ލާރި ކެނޑިގެންދާނީ މުސާރަ އިން ނުވަތަ މުސާރަ އެމްއައިބީ އަށް ޓްރާންސްފާ ކުރާ އުސޫލުންނެވެ.

އިސްލާމިކް ބޭންކުގެ ބިޒްނަސް ޑިވެލޮޕްމަންޓުގެ ސީނިއާ އޮފިސަރު ނާހިދު އިދްރީސް ވިދާޅުވީ، އެ ސުކީމުގައި ބައިވެރިވާ އިރު، އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެމީހަކަށް މުސާރައިގެ ގޮތުގައި މަދުވެގެން 6000 ރުފިޔާ ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނާހިދު ވިދާޅުވީ، ސުކީމުގެ ދަށުން ވިލާ ކޮލެޖުގައި ކިޔަވަން ކުރިމަތިލަނީ ވަޒީފާ އަދާ ނުކުރާ ނުވަތަ ކަނޑައަޅާފައިވާ މުސާރައިގެ އަދަދު ނުލިބޭ މީހެއް ނަމަ އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ އަދި ސްކީމަށް ކަނޑައަޅާފައިވާ މުސާރައިގެ އަދަދު ލިބޭ އާއިލާގެ މެމްބަރަކަށް ކޯ އެޕްލިކެންޓެއްގެ ގޮތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުގެ ޝަރީއާ އެންޑް ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ސީނިއާ އޮފިސަރު ބަސްމާ ނިޒާރު ވިދާޅުވީ، އިސްލާމީ ޝަރީއާ ހުއްދަކުރާ އުސޫލުގެ ދަށުން ކޯހަށް ދައްކަން ޖެހޭ ފައިސާ އިން ބޭންކަށް ފައިދާއެއް ނަގާނެ ކަމަށެވެ.

އެ ފައިދާ ނެގުމުން ސުކީމުގެ ދަށުން ވިލާ ކޮލެޖުން ހިންގާ ކޯސްތަކަށް ނަގާ ފައިސާގެ އަދަދަށް ވުރެ އިތުރުވެގެންދާނެ ކަމަށާއި ނަމަވެސް އަހަރުތަކަށް ބަހާލައިގެން ފައިސާ ދައްކަންޖެހުމުން މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް ބޭންކުން ތައާރަފުކުރި ސުކީމުގައި ބައިވެރިވުމަށް ސެކިއުރިޓީއެއް ބަހައްޓަން ނުޖެހޭނެ އެވެ. ނަމަވެސް އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި އެއް އަހަރު ދުވަހު މަސައްކަތްކުރާ އަދި މުސާރައެއްގެ ގޮތުގައި މަދުވެގެން 10،000 ރުފިޔާ ލިބޭ މީހަކު، ގެރަންޓީއެއްގެ ގޮތުގައި ހުށަހަޅަން ޖެހެ އެވެ.