05 Jul 2016, 15:59
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ލީޝާ މުހައްމަދު، ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވުމުން، މީޑިއާ ކައުންސިލުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
ސިޔާސީ މަގާމަކަށް އައްޔަން ކުރުމުން މީޑިއާ ކައުންސިލުން އިސްތިއުފާ ދެއްވި ލީޝާއަކީ 2014 ވަނަ އަހަރު ބޭއްވި މީޑިއާ ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރައްވައި، އެ ކައުންސިލަށް އިންތިހާބުވި މެމްބަރެކެވެ. އޭނާއަކީ އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިހާބުވެފައިވާ މެމްބަރެކެވެ.
މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިއްބަވަ އެވެ. އެއީ މީޑިއާތަކުން އިންތިހާބުވާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބުވާ ހަތް މެމްބަރުންނެވެ.
ލީޝާއަކަށް ސިޔާސީ މަގާމެއް ދެއްވިކަން ރައީސް އޮފީހުން މިއަދު ވަނީބުނެފަ އެވެ.
މީޑިއާ ކައުންސިލްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައި ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 21 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އަލުން އައްޔަން ކުރައްވާނެ ކަމަށެވެ. މީޑިއާ ކައުންސިލް އިންތިހާބު ބާއްވަނީ ހޯމް މިނިސްޓްރީންނެވެ.
މީޑިއާ ކައުންސިލަކީ މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އަޅާ ތަނެކެވެ. އަދި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ހަމަތަކާއި އެ ެފަރާތްތަކުގެ އަހްލާގީ މިންގަނޑު އެކަށައަޅައި ހުރިހާ މީޑިއަމްތަކެއްގެ މީޑިއާތަކަށް ފާރަވެރިވާ އިދާރާއަކީ މީޑިއާ ކައުންސިލެވެ.