05 Jul 2016, 15:29
މިއީ ބޮލީވުޑްގެ "ބޭބޯ"، ކަރީނާ ކަޕޫރް ޚާން އަށް ހާއްސަ ދުވަސްކޮޅެކޭ ބުނެވިދާނެ އެވެ. ކަރީނާ ބަނޑުބޮޑުކަން ހާމަކުރުމާ އެކު، ހުރިހާ ނޫސްތަކެއްގެ އެންމެ ކުރީގައި އުޅެނީ ކަރީނާއާ ގުޅޭ ހަބަރުތަކެވެ. ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަތަކެވެ.
ކަރީނާ އާއި ސައިފް އަލީ ޚާން ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. ކަރީނާ ވިހާނެ ކަމަށް ސައިފު ބުނެފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.
ކަރީނާ ބަނޑުބޮޑުވުމާ އެކު އެ އާއިލާ އަށް ވަނީ ވަރަށް ބޮޑު އުފަލެއް ލިބިފަ އެވެ. ނަމަވެސް ސައިފުގެ ކުރީގެ އަންހެނުންނަށް މި ހަބަރު މާ ކަމުދާ ހަބަރަކަށް ނުވި އެވެ.
ކަރީނާގެ ކުރިން ސައިފު ވަނީ ބޮލީވުޑް އެކްޓްރެސް އަމްރިތާ ސިންގް އާއި ކައިވެނިކޮށްފަ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2004 ވަނަ އަހަރު އެވެ. ތޭރަ އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު ދެމީހުން ވަކިވި އިރު ދެ ކުދިން ވަނީ ލިބިފަ އެވެ.
ދެމީހުން ވަކިވި ފަހުން މިހާރު 12 އަހަރު ވެފައިވީ ނަމަވެސް، ސައިފު އަދި ކަރީނާ އާ ގުޅޭގޮތުން އަމްރިތާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.
ކަރީނާ ބަނޑުބޮޑުކަމަށް ސައިފު ބުނުމާ ގުޅިގެން އަމްރިތާ އާ ސުވާލު ކުރުމުން އޭނާ ވާނީ އެކަހަލަ ސުވާލު ކުރުމަށް ދުވަހަކު ވެސް ގުޅައިގެން ނުވާނެ ކަމަށް ބުނެ ފޯނު ކަނޑާލައިފަ އެވެ.
އަދި އެކަހަލަ ސުވާލެއް ކުރަން، މީހަކަށް ގުޅަން ކެރުނީ ކިހިނެތްތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
ސައިފް އާ ވަކިވި ފަހުން އަމްރިތާ އެހެން ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ.