06 Jul 2016, 17:12
ބޮލީވުޑަށް އަދި ހޮލީވުޑަށް ބެލި ނަމަވެސް މިހާރު މީޑިއާތަކުން ގިނައިން އަޑުއިވެނީ ދެ ތަރިއެއްގެ ލޯބީގެ ގުޅުން ނިމުމަކަށް އައި ވާހަކައެވެ. ނުވަތަ ދެ ތަރިންގެ ދޭތެރޭގައި މައްސަލަ ޖެހި ވަރިވެއްޖެ ކަމުގެ އަޑުތަކެވެ. އެ ހުރިހާ ވާހަކައަކަށްވުރެ މިހާރު ވިކްޓޯރިއާ އަދި ޑޭވިޑް ބެކަމްގެ ކައިވެންޏަށް އަހަރުވި ވާހަކަ މިވަނީ މީޑިއާގައި ގަދަވެފައެވެ.
ދުނިޔޭގެ އެންމެ ލޯބިން އުޅޭ ދެ ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ވިކްޓޯރިއާ އަދި ޑޭވިޑް ބެކަމްގެ ކައިވެންޏަށް އިއްޔެ 17 އަހަރު ފުރުނުއިރު، ކައިވެނި ފޮޓޯއާއެކު ދެ ތަރިން ވެސް އެކަކު އަނެކަކުދެކެވަމުންދާ ލޯބި ފާޅުކުރީ އިންސްޓަގުރަމް ގައެވެ.
އެންމެ ދޮށީ ދަރި ބްރޫކްލިންގެ އިންސްޓަގުރަމް އެކައުންޓް ޓެގްކޮށް ވިކްޓޯރިއާގެ އިންސްޓަގުރަމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، ބެކަމް އަކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިއާ އަދި ލޯބި ކަމަށާއި ދުނިޔޭގެ އެންމެ ރަނގަޅު ފިރިމީހާ އަދި ބައްޕަ އަށް ކައިވެނީގެ ތަހުނިޔާ ކިޔާ ކަމަށެވެ.
ވިކްޓޯރިއާ އަދި ޑޭވިޑް ބެކަމްގެ ކައިވެންޏަށް އިއްޔެ 17 އަހަރު ފުރުމުން ވިކްޓޯރިއާ ބެކަމް އިންސްޓަގުރަމްގައި ކުރި ޕޯސްޓް --
ވިކްޓޯރިއާއަށް ތަހުނިޔާ ކިޔާ ޑޭވިޑް ބެކަމްގެ އިންސްޓަގުރަމް އެކައުންޓުގައި ބުނީ، ދިރިއުޅުމުގައި އެއް ކަންތައްތަކެއް ބޭނުންވާ އަންހެނަކާ ބައްދަލުވުމަކީ އޭނާގެ ނަސީބު ކަމަށެވެ. އަދި ދެ މީހުންނަށް ރީތި ހަތަރު ކުދިން ލިބިފައިވާއިރު، އެ ކުދިންނަށް ވިކްޓޯރިއާ ދޭ ލޯތްބާއި އަޅާލުން ބެކަމް ވަނީ ފާހަގަކޮށްފައެވެ.

ވިކްޓޯރިއާއަށް ތަހުނިޔާ ކިޔާ ޑޭވިޑް ބެކަމްގެ އިންސްޓަގުރަމް އެކައުންޓުގައި ކުރި ޕޯސްޓް
ވިކްޓޯރިއާ އަދި ޑޭވިޑް ބެކަމް ލޯބީގެ ގޮތުން ގުޅުނީ 1997 ވަނަ އަހަރުއެވެ. އަދި އޭގެ ދެ އަހަރު ފަހުން އަޔަލޭންޑުގައި ކައިވެނިކުރި ވިކްޓޯރިއާ އަށާއި ޑޭވިޑް ބެކަމް އަށް ހަތަރު ކުދިން ވަނީ ލިބިފައެވެ. އެއީ އުމުރުން 17 އަހަރުގެ ބުރޫކްލިން އާއި 13 އަހަރުގެ ރޯމިއޯ އާއި 11 އަހަރުގެ ކުރޫޒް އަދި ހަތަރު އަހަރުގެ ހާޕާއެވެ.