މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ގޭގެ ގޯތި ތެރޭގައި ފޮރުވައިގެން އުޅުނު މީހަކު ޅ. ނައިފަރުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 22 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އޭނާ ދިރިއުޅޭ ގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 20 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ފެނުނު ފަސް ސެލޯފިންކޮޅު ފެނިފައިވަނީ އެ މީހާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ހުރި އެޅިގާތަކެއްގެ މަތިން ކަމަށާއި އަނެއް 15 ސެލޯފިންކޮޅު ވެސް ފެނިފައިވަނީ ގޯތިތެރޭގައި ވަޅުލާފައި އޮތް މާމުއި ފުޅިއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.