މިދިޔަ ހޮނިހިރު ދުވަހު ގަދަ ވަޔާ އެކު އައި ކޮޅިގަނޑެއްގައި، މާފުށީ ޖަލުގައި ހަދަމުން އަންނަ ބައުންޑަރީ ވޯލްގެ ބައެއް ވެއްޓިއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އެ ފާރުގެ ހުޅަނގު ފަރާތުން 230 ފޫޓްގެ ދިގުމިނުގެ ބައެއް ވެއްޓިފައިވާ ކަމަށެވެ.

ފާރުން ބައެއް ވެއްޓި ހިނގި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

ފާރުން ވެއްޓިފައި ވަނީ ރާނާ ނިމި، ސިމެންތި ނުޖެހި ހުރި ބައެއް ކަމަށާއި ހަލާކުވި ބައިތަކުގެ ސްޓްރަކްޗާގެ ވަރުހުރި މިންވަރު ބެލުމާއި ލިބުނު ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރު ދިގު ފާރެކެވެ. ފާރުގެ ބިންގާ އަޅާފައިވަނީ 2014 ވަނަ އަހަރުގެ 26 ވަނަ ދުވަހު އެވެ. ފާރުގެ މަސައްކަތް ކުރަމުންގެންދަނީ އޮފިސަރުންނާއި އެމްސީއެސްގެ ބެލުމުގެ ދަށުން ގައިދީން ވެސް ބޭނުންކޮށްގެންނެވެ.

ފާރުގެ އިތުރުން، ވިއްސާރައިގައި ޖަލުގެ ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން މާފުށީ ޖަލުގައި ހައްދަމުން އައި ލެޓިއުސް ފަތުގެ ދަނޑަށާއި މިރުސް ދަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދަނޑުގައި ތަކެތި ރައްކާކުރަން ހަދާފައިވާ ތަން ވެސް ހަލާކުވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

އެ ހާދިސާއިން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.