05 Jul 2016, 16:41
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްސަލައެއް ބަލައި ދިނުމަށް އެދި އެޕާޓީގެ ސުލޫކު ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޕާޓީގެ އާއްމު މެމްބަރަކު ސުލޫކު ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގައި ޕީޖީ ގުރޫޕުން އަމަލު ކުރަންވީ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގެންނަ އިސްލާހުތައް ޕާޓީގެ ކައުންސިލާއި ޕާޓީގެ ރައީސަށް މަޝްވަރާ ކުރުމެއް ނެތި ޕީޖީ ގުރޫޕުން އަމަލު ކުރަމުން އަންނަ ކަމަށް ސުލޫކު ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ބުނެފައި ވަނީ، އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ރައްޔިތުން މަޖިލީހުގެ ދައުރު ނިމުމުން ޕީޖީ ގްރޫޕުން ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ބުނީ ޕީޖީ ގްރޫޕުގެ ނިންމުންތައް ޕާޓީގެ މައިގަނޑު އުސޫލުތަކާއި ސިޔާސަތުތަކާއި ހިލާފަށް ގެންގޮސް ޕާޓީގެ އަސާސީ ގަވާއިދާ ޕީޖީ ގްރޫޕުން ހިލާފުވެފައި ވާތީ އެ މައްސަލަ ބަލައި ދިނުމަށް އެދޭ ކަމަށެވެ.
ޕާޓީގެ އާއްމު މެމްބަރަކު ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ބައެއް ހެކިތައް ވެސް ހުށަހަޅައިފަ އެވެ. އެގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މީޑިއާގައި ދެއްކެވި ވާހަކަފުޅާއި ޕާޓީގެ އަސާސީ ގަވާއިދު ވެސް އޭނާ ވަނީ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނުގެ މައްސަލައެއް ސުލޫކު ކޮމެޓީ އަށް ޕާޓީގެ އާއްމު މެމްބަރަކު ހުށަހަޅާފައިވާ އިރު އެއީ އެޕާޓީގެ މަޖިލިސް މެމްބަރެއްގެ މައްސަލަ ސުލޫކު ކޮމެޓީއަށް ހުށަހެޅުއްވި ތިންވަނަ ފަހަރެވެ. ނިހާނުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދުގެ މައްސަލައެއް ވެސް ސުލޫކް ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ. އެ ދެ މެމްބަރުންގެ މައްސަލައެއް ސުލޫކް ކޮމެޓީއަށް ހުށަހަޅާފައި ވަނީ ޕީޖީ ގުރޫޕުން ނެރުނު ތްރީ ލައިން ވިޕަށް ދެ ދެ މެމްބަރުން ވެސް ހިލާފުވި ކަމަށް ބުނެ އެވެ.