05 Jul 2016, 14:40
ޕީޕީއެމް އިސްލާހު ކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާ ބާތިލްކޮށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދެވެ.
އަސްއަދު "ސަން"އަށް ވިދާޅުވީ މިއަދު އެބޭފުޅުން ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައި ވަނީ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި އެއީ އެތައް ބައެއްގެ ހައްގެއް ކަމަށެވެ. އެހެންކަމުން އެ މައްސަ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އެ ހައްގުތައް ހޯދައިދިނުން ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.
ޕީޕީއެމް އިސްލާހު ކުރުމަށް ރައީސް މައުމޫން އެކުލަވާލި ޓައިމްލައިންގައިވާގޮތުން އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާ މެދު ގޮތެއް ނިންމަން އަންނަ އަހަރު ގައުމީ ޖަލްސާއެއް ބާއްވާނެ އެވެ.