05 Jul 2016, 14:36
މާދަމާ ފިތުރު ޢީދު ނަމާދަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އީދު ސަލާން ކުރުމަށް، ސަރުކާރާ އިދިކޮޅު އިއްތިހާދުން ނިންމައިފި އެވެ.
މާދަމާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް އީދު ނަމާދަސް ވަޑައިގަންނަވާނީ އިސްލާމީ މަރުކަޒަށެވެ.
އީދު ނަމާދަށްފަހު 8:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ރައީސް ޔާމީނާ ޢީދު ސަލާން ކުރުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އިދިކޮޅު އިއްތިހާދުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވިދާޅުވީ މާދަމާ އީދު ނަމާދަށް ފަހު ރައީސް ޔާމީން އީދު ސަލާން ކުރުމަށް އިދިކޮޅު އިއްތިހާދުން ދާނެ ކަމަށާއި، ރައީސް ޔާމީނާ އީދު ސަލާން ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ދިއުމަށް އެދޭ ކަމަށެވެ.
އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހުލޫފް ވާހަކަދައްކަވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ
މާދަމާއަކީ ވަރަށް ރަނގަޅު ފުރުސަތެއް. އަޅުގަނޑުމެންނަށް ލިބޭ އުފާވެރި ދުވަހު ރައީސް ޔާމީނާ ސަލާން ކޮށްލާފައި، ރައީސް ޔާމީނު ކައިރީގައި މިވަގުތަށް ދިވެހި ގައުމަށް އެންމެ ފައިދާވާނެ ގޮތަކީ އިސްތިއުފާ ދެއްވުންކަން ވިދާޅުވުމުގެ ފުރުސަތު ލިބިގެން ދާނެ،އަހުމަދު މަހުލޫފް
މީގެ އިތުރުން އިއްތިހާދުން ބުނީ އީދު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ސަރަހައްދުގައި އިއްތިހާދުގެ ފަރާތުން ޚާއްސަ ދުއާއެއް ކުރުން ވެސް އޮންނާނެ ކަމަށެވެ.
"މި އުޅެނީ ބަދު ދުއާއެއް ކުރާކަށް ނޫން. ހުރިހާ ރައްޔިތުންނަށް ވެސް އޭގެ ލާބައާ މަންފާއަށް އެދި، ގައުމާއި ރައްޔިތުންނަށް ހެޔޮ އެދި ކުރާ ދުއާއެއް އެއީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)އިން މާދަމާ އިސްލާމީ މަރުކަޒު ސަރަހައްދުގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ނިންމީ ސަރުކާރުން ކަމަށް މަހުލޫފް ފާހަގަ ކުރެއްވި އެވެ.
އެމްޔޫއޯއިން ބުނީ މާދަމާ ފިތުރު އީދު ނަމާދަށް އިސްލާމީ މަރުކަޒަށް ވީހާވެސް ގިނަ ރައްޔިތުން އައިސް، ނަމާދުގެ ޖަމާއަތުގަ އާއި އެމްޔޫއޯއިން ކުރާ ދުއާގައި ބައިވެރިވެ، ރައީސް ޔާމީނާ އީދު ސަލާން ކުރުމަށް މަޑު ކުރެއްވުމަށް އިއްތިހާދުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.