05 Jul 2016, 14:33
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ޚިލާފުވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާ މެދު ފިޔަވަޅު އަޅަން ނިންމާފައިވާ އިރު، އިންސާފުވެރިކަމާ އެކު އެ މައްސަލަ ބަލަން ކުރާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފާރިސް އާމެދު ފިޔަވަޅު އެޅުމަށް ޕީޕީއެމްގެ ސުލޫކު ކޮމިޓީއަށް ފޮނުވާފައި ވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް އިއުލާންނުކޮށް ކުއްޔަށްދެވޭ ގޮތް ހެދުމަށް ޓަކައި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް ތާއީދުކޮށް ވޯޓު ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމާ ގުޅިގެންނެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި ފާރިސް ވިދާޅުވެފައި ވަނީ ގައުމީ މަސްލަހަތު ހިފެހެއްޓުމަށް ލާ ވޯޓެއްގެ ސަބަބުން ޕާޓީގެ މެމްބަރަކާ މެދު ޕާޓީ އިން ފިޔަވަޅު އެޅުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ފާރިސްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
"ޕާޓީގެ ގަވާއިދާ އެއްގޮތަށް، ނުފޫޒުން އެއްކިބާވެފައިވާ މާހައުލެއްގައި އިންސާފުވެރިކަމާ އެކު، އަޅުގަނޑުގެ މައްސަލަ ބަލަން ކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑު ފުރިހަމައަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަމެވެ." ފާރިސް ވިދާޅުވެފައިވެ އެވެ.
ފާރިސް ވިދާޅުވީ ޕާޓީގެ ގުނަވަންތަކަށް އެފަދަ ހާލަތެއް މެދުވެރިވެފައިވާ ސަބަބުތަކަކީ ކޮބައިކަން ޕާޓީގެ މެމްބަރުން ވެސް އެނގެން ބޭނުންވާ ކަމަށާއި ޕާޓީގެ ރައީސް އިއުލާނު ކުރައްވާފައިވާ އިސްލާހީ މަޝްރޫއުގެ ދަށުން، އެ ހާލަތުތައް ދިމާވާ ސަބަބުތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ ކަންތައްތައް ނައްތާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަދި މި ޕާޓީ އަކީ ގައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެއް ކަމުގައި ދިވެހި ރައްޔިތުން ބަލައިގަންނަ ޕާޓީއެއް ކަމުގައި ވުމެވެ." ފާރިސް ވިދާޅުވި އެވެ.
ފާރިސް ބިލާ ދެކޮޅަށް ވޯޓު ދެއްވި އިރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ ބިލަށް ތާއީދުކޮށްދެއްވުމަށް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވަނީ އެ ބިލަށް ތާއީދުނުކުރެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ފާރިސް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތްރީލައިންވިޕާ ދެކޮޅަށް އަމަލުކުރި ސަބަބު ބަޔާންކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ޕީޕީއެމް ސަރުކާރުގެ ގަވައިދުގެ ރޫހާ ހިލާފުނުވާނެ ގޮތަށް ކަމަށެވެ.
ޕާޓީގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ ފާރިސް އަށް ފިޔަވަޅު އަޅައިދިނުމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުއްވި ސިޓީއަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޖަވާބުދެއްވާ ފައެވެ.
ނިހާން އަށް ފޮނުއްވެވި އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް މީގެ ކުރިން ވޯޓު ދެއްވާފައިވާ މެމްބަރުންނާ މެދު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި ވަކި މެމްބަރަކާމެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަކީ "އިންސާފުގެ ހަމަތަކާ ހިލާފަށް" ކުރައްވާފައިވާ ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ، ފާރިސް އަމަލުކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސްގެ އެންގެވި ގޮތަށް ކަމަށްވާތީ ތުރީލައިން ވިޕާ އޭނާ ހިލާފުވިޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ.