މިއަހަރުގެ ފިތުރު އީދު ނަމާދު މާލޭގެ 23 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އިސްލާމީ މަރުކަޒު ހުރި ސަރަހައްދުގައި ފިތުރު އީދު ނަމާދު ކުރުން އޮތް ނަމަވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

"މާލޭގެ 23 މިސްކިތެއްގައި އީދު ނަމާދު ކުރުމުގެ ކަންތައް އޮންނާނެ ވާހަކަ އަޅުގަނޑު ދަންނަވާލަން. ފަހަރެއްގައި ހީވެދާނެ ކަންނޭނގެ ހަމައެކަނި އިސްލާމީ މަރުކަޒުގައޭ އޮންނަނީ. އެހެނެއް ނޫން. ހެންވޭރުވެ އަދި މާފަންނު ވެސް ގަލޮޅު ވެސް ތަފާތު އެކި އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދު ކުރުން އޮންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

މިއަހަރުގެ ފިތުރު އީދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. މީގެ ދެތިން އަހަރު ކުރިން އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮތީ ސްޓޭޑިއަމްގަ އެވެ. ނަމަވެސް މިހާރު އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖެހުމާ އެކު އެ މިސްކިތުގައި އީދު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި 20،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

މާދަމާ އީދު ނަމާދު އޮންނަ ވަގުތު އެ ސަރަހައްދުގެ ޓްރެފިކް ފްލޯ ދައްކުވައިދޭ ޗާޓު: ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ އީދު ނަމާދު ކުރާ ވަގުތު ތިން މަގެއް ބަންދުވާނެ ކަމަށެވެ. އެގޮތުން އޯކިޑް މަގު ޝަހީދު އަބްދުއް ޒުހޫރު އާ ހަމައަށް އަދި އަމީރު އަހްމަދު މަގުގެ ވެސް އެއްބައި ބަންދުވާނެ އެވެ. އަދި އޯކިޑް މަގާއި، ފިޔާތޮށި ގޯޅިއާ އަދި ފިޔާތޮށި މަގުވެސް މާދަމާ ބަންދުވާނެ އެވެ.

ފުލުހުން މިހާރު ވަނީ އީދު ނަމާދުގެ ވަގުތުގައި ވެހިކަލުތައް ޕާކު ކުރާނެ މަގުތައް ކަނޑައަޅާފަ އެވެ. އަދި ވެހިކަލުތައް ދަތުރު ކުރާނެ މަގުތައް ވެސް ފުލުހުން ވަނީ ކަނޑައަޅައިފަ އެވެ.