ޑީއާރްޕީގެ މެމްބަރުން ޒިންމާތަކެއް ހަވާލުކޮށްފައިވާ ބަޔަކު އެ ޒިންމާތަކަށް ފުރަގަސް ދީފައި ދިއުމަކީ ކުރު މުއްދަތަކަށް މެމްބަރުންނަށް މާޔޫސް މާޔުސްކަން ކުރިމަތި ކުރުވަފާނެ ކަމެއް ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

ޑީއާރްޕީގެ އެއް ނައިބު ލީޑަރު އަދި އެޕާޓީގެ މަޖިލިސް މެމްބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާފެ މެމްބަރު އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން ޑީއާރްޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ "ދިވެހި ރައްޔިތުންގެ ޕާޓީއަކީ ސިޔާސީ ވަކި ފިކުރެއްގެ މައްޗަށް ދިވެހި ރައްޔަތުންގެ ތެރެއިން ގިނަބަޔަކު ނުކުމެ، ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޤާއިމު ކޮށްފައިވާ ވަރުގަދަ ސިޔާސީ ބިންގަލެއް" ކަމަށެވެ.

އަދި އެޕާޓީގެ ފިކުރަކީ އޭގެ ޒާތުގައި މިނިވަން ދިރުމަކަށް ވާތީ އެއީ ވަކި މެންބަރެއްގެ ނުވަތަ ވަކި ޖަމާއަތެއްގެ އަމަލުތަކަކުން ނިކަމެތި ކުރެވޭނެ ފިކުރެއް ނޫން ކަމަށް ވެސް ޑީއާރުޕީގެ ނޫސްބަޔާނުގައި ވެއެވެ.

އަލީ ވަހީދު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ޑީއާރްޕީއާ ބެހޭ ގޮތުން ރޭ ދެއްކެވި ވާހަކަފުޅާއި، ޒެޑް ފެކްޝަނުން މިހާރު ހިންގަމުންދާ ހަރަކާތްތަކަށް ރައްދު ދެމުން ޑީއާރްޕީން ބުނެފައި ވަނީ އެ ޕާޓީއަކީ ވަކި މީހެއްގެ މުދަލެއް ނޫން ކަމަށާ އެހެން ނަމަވެސް އެއީ އެޕާޓީގެ އެންމެހާ މެމްބަރުންގެ ތަރިކައެއް ކަމަށެވެ.

ޑީއާރްޕީއަކީ ވަކި ފިކުރެއްގެ މަތީގައި ދެމި އޮންނާނެ ޕާޓީއެއް ކަމަށް ޑީއާރުޕީގެ ނޫސްބަޔާނުގައި ވެއެވެ.