ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް މިއަދު "ސަން"އަށް ވިދާޅުވީ ރައީސް މައުމޫނަށް އެގޮތަށް އަންގާފައި ވަނީ އިއްޔެ އެ ކޮމިޝަނުން އެމަނިކުފާނަށް ފޮނުވި ސިޓީއެއްގައި ކަމަށެވެ.

އެފަދަ އެންގުމެއް މައުމޫނަށް އަންގާފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ކަމަށް ވެސް ޝަކީލް ވިދާޅުވި އެވެ.

"ޕާޓީގެ އެންމެހައި ކަންކަން ގެންދިޔުމުގައި އަސާސީ ގަވާއިދަށާއި ހިންގާ ގަވާއިދާ އެއްގޮތަށް އަދި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް ކަންކަން ނިންމުމަށް ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑުމެން ކުރާ އިލްތިމާސަކީ،" ޝަކީލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ އެންގުމެއް އަންގާފައި މި ވަނީ ރައީސް މައުމޫނާއި ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެބޭފުޅުންގެ ދެމެދުގައި ނުތަނަވަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އަމަލުކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެވާހަކަތަކަށް ރައްދުދީ ޕާލަމެންޓްރީ ގްރޫޕުން ބުނެފައި ވަނީ އަސާސީ ގަވާއިދާ ޚިލާފަށް އަމަލު ކުރަނީ ރައީސް މައުމޫން ކަމަށެވެ.