ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ނިމުން އަންނަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ގުރްބާނީތަކެއްވާން ޖެހޭ ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ ސޫރިޔާގެ ހަނގުރާމައަކީ ހުރިހާ ފަރާތްތަކަކުން ވެސް ގޮތްދުކޮށްފި ނަމަ ހުއްޓުވިދާނެ ހަނގުރާމައެކެވެ. އެހެންކަމުން ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިން ސޫރިޔާގެ ރައްޔިތުން ސަލާމަތްކުރުމަށް ޓަކައި ސޫރިޔާގެ މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތްތަކަކުން ވެސް ދޫދިނުމަށް ޔެލްޑްރިމް އެދިވަޑައިގެންނެވި އެވެ.

ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް

ސޫރިޔާގެ ހަނގުރާމައިގާ ހަލާކުވެ ފަނާވެގެންދަނީ އެގައުމުގެ ކުށެއްނެތް ރައްޔިތުންނާއި އެމީހުންގެ ގެދޮރާއި މުދައު ކަމަށް ވިޔަސް މިހަނގުރާމަ ހިންގައި ހަނގުރާމަ ކުރުވަނީ ބޭރުގެ ފަރާތްތަކުންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލަން ހަނގުރާމަކުރަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތައް ފަދަ ހުޅަނގުގެ ބާރުތަކާއި ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ. މީގެ އިތުރުން އަލްގާއިދާއާއި ޖަބްހަތުއްނުސްރާ އާއި އައިއެސް ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ސޫރިޔާ ސިފައިންނާ ދެކޮޅަށާ އަދި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވެސް ހަނގުރާމަ ކުރަމުން ގެންދެ އެވެ.

މިޖަމާއަތްތަކާ ދެކޮޅަށް ސޫރިޔާ މިހާރުގެ ސަރުކާރު ދެމެހެއްޓުމަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އެހެންކަމުން ސޫރިޔާގެ ކަންކަމުގައި މިހާރު ބަސްބުނަނީ އެމެރިކާ އާއި ރަޝިޔާއާއި އީރާނާއި ސައޫދީ އަރަބިޔާއާއި ތުރުކީއާއި ގަތަރުންނެވެ. ސޫރިޔާގެ ރައްޔިތުންނެއް ނޫނެވެ. ސޫރިޔާގެ ހަނގުރާމައިގެ ދެފަރާތަށް އެހީވާ ގައުމުތަކުން ވެސް މަސައްކަތް ކުރަނީ އެގައުމުތަކުގެ އަމިއްލަ ސިޔާސީ މަގްސަދުތައް ސޫރިޔާގައި ޙާސިލް ކުރުމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން

ސޫރިޔާގެ ރައްޔިތުން ހަލާކުވެ ފަނާވެގެން ދިޔުމާއި އެމީހުން އުފުލަމުން ގެންދާ ވޭންތަކަކީ ސޫރިޔާ ސަރުކާރަށް ވާގިވެރިވާ ގައުމުތަކުން ވެސް އަދި ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ގައުމުތަކުން ވެސް އަޅާލާ ކަމެއްނޫނެވެ. ކޮންމެ ބަޔަކު ވެސް ބޭނުންވަނީ ސޫރިޔާގެ ހުރިހާ ރައްޔިތުން ނެތި ފަނާވެދިޔަސް ސޫރިޔާގެ ހަނގުރާމައިން އެބަޔަކު ބޭނުންވާ ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށެވެ.

ނަމަވެސް ތުރުކީން މިހާރުގެންދަނީ އެގައުމުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން ރަޝިޔާއާ ތުރުކީއާދެމެދުގައިވާ މައްސަލަތައް ވެސް އަމިއްލައަށް ގޮތްދޫކޮށްގެން ތުރުކީން މިހާރުވަނީ ހައްލުކޮށް ރަޝިޔާއާ ގުޅުންތައް އަލުން ބަދަހިކޮށްފައެވެ. އަދި ތުރުކީގެ ބޮޑުވަޒީރު ވަނީ ސޫރިޔާގެ ހަނގުރާމައަކީ ބޭކާރު އަދި ބޭނުމެއްނެތް ކުޅޭ ކުޅޭ ހަނގުރާމައެއް ކަމަށް ސިފަކުރައްވައި ސޫރިޔާގެ މައްސަލާގައި ތުރުކީން ގެންގުޅޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގަސްދުކުރާ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު

ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރަނީ ސޫރިޔާގެ ރައްޔިތުންނެއް ނޫނެވެ. ސޫރިޔާ ސަރުކާރު ވައްޓާލަން ބޭނުންވަނީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކާއި ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރުންނެވެ. މިގައުމުތައް މިކަންކުރަނީ އެގައުމުތަކުގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް މެދުވެރިކޮށެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަކީ ހަރުކަށި ޑިކްޓޭޓާޝިޕެއްކަމަށް ވިޔަސް ގަދަބާރުން ސަރުކާރުތައް ވައްޓާލި އަރަބި އެއްވެސް ގައުމަކަށް ހަމަޖެހުން އައިސްފައެއް ނުވެ އެވެ. އިރާގާއި ލީބިޔާއާއި މިސްރާއި ސޮމާލިޔާއާއި ޔަމަނަކީ މީގެ ރީތި މިސާލުތަކެވެ. އިރާގާއި ލީބިޔާގެ ތަޖްރިބާއަށް ބަލާފައި އެމެރިކާއާއި ޔޫރަޕްގެ ބާރުތައްވަނީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ޓަކައި ސޫރިޔާއަށް އަސްކަރީ ގޮތުން ވެދެގަތުމަށް ފަސްޖެހިފަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ

މީގެއިތުރުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އަސްކަރީގޮތުން ވާގިވެރިވެ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް ފާޅުގައި ގޮވާލަމުންދާ ސައޫދީ އާއި ގަތަރުފަދަ ގަލްފުގެ ގައުމުތަކަކީ ވެސް އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކުން އެގައުމުތަކުގެ ސަރުކާރުތައް ގަދަބާރުން ވައްޓާލަން މަސައްކަތްކޮށްފިނަމަ ދޫދޭ ބާވަތުގެ ގައުމުތަކެއްނޫނެވެ. ސޫރިޔާގެ ސަރުކާރަކީ ޚުދު މުޚްތާރު ސަރުކާރެއް ނަމަވެސް ސޫރިޔާ އެއްގައުމެއްގެ ގޮތުގައި ބައިބައިނުވެ ދެމިއޮންނާނީ އެސަރުކާރު ދެމިއޮވެގެންކަމަށް ޚުދު ހުޅަނގުގެ ގައުމުތައްވެސް ގަބޫލުކުރެ އެވެ.

އަނެއްކޮޅުން އިރާގާއި މަޣްރިބް ގައި ނޫނީ ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކޮށްފައިވާ ސަރުކާރުތަކެއް އަރަބި ގައުމުތަކުގައި ނުވެސް ނެތެވެ. ހުރީ ހައްތާވެސް ޑިކްޓޭޓަރޝިޕްތަކެވެ. ނަމަވެސް ގަތަރާއި ސައޫދީ އަރަބިޔާ ފަދަ ގަލްފުގެ ބައެއް ގައުމުތަކުން ބޭނުންވަނީ ކޮންމެފަދަ އަގެއް ދައްކައިގެންނަމަވެސް ސޫރިޔާގެ މިހާރުގެ ސަރުކާރު ވައްޓާލައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ އެގައުމުގެ ވެރިކަން ހަވާލުކުރުމަށެވެ. އެއީ އެދެގައުމު ބޭނުންވާ ސިޔާސީ މަގްސަދުތައް ހާސިލްވާނެ ހަމައެކަނި ގޮތަކީ އެއީކަމަށްވާތީ ކަމަށްވަނީ ބެލެވިފަ އެވެ.

އީރާނުގެ ރައީސް ޙަސަން ރޫހާނީ

ނަމަވެސް މިމައްސަލާގައި ތުރުކީގެ މިހާތަނަށް ގެންގުޅުނު ސިޔާސަތު ބަދަލުވެގެން ހިނގައިދާނެ ކަމުގެ އިޝާރާތްތައް އެގައުމުގެ ލީޑަރުން މިހާރު ގެންދަވަނީ ދެއްވަމުންނެވެ. ތުރުކީގެ ބޮޑުވަޒީރު ބިންއަލީ ޔެލްޑްރިމް ވިދާޅުވީ ތުރުކީއަށް މުހިއްމީ ގައުމުތަކުގެ ވަކި ސަރުކާރުތަކެއް ނޫންކަމަށާ ތުރުކީގެ އަވަށްޓެރި ހުރިހާ ގައުމަކާއެކު ވެސް ގުޅުންތައް ރަނގަނޅުކުރަން ތުރުކީ މިހާރު ބޭނުންވާކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ސޫރިޔާގެ ނަން ވިދާޅުނުވި ނަމަވެސް ސޫރިޔާ ސަރުކާރާ ގުޅުންތައް ރަނގަނޅު ކުރުމުގެ މަސައްތަކެއް ތިންވަނަ ފަރާތެއްގެ އެހީގައި ތުރުކީން ކުރަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ވަނީ މިފަދަ ގޮތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައެެވެ.

ތުރުކީ ދާދިފަހުންވަނީ މުސްލިމުންގެ އެންމެބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލާއެކު ވެސް ގުޅުންތައް ރަނގަނޅުކޮށްފައެވެ. ތުރުކީން އިސްރާއީލާ ގުޅުންތައް ރަނގަނޅު ކުރިއިރު ތުރުކީން އެގައުމުގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ މުސްލިމް ގައުމެއްކަމަށްވާ ސޫރިޔާއާ ގުޅުންތައް ރަނގަނޅުކޮށް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރުން މާއައުލާކަން ބޮޑުކަމަށް އެގައުމުގެ ސަރުކާރުގެ ބައެއް މަސްއޫލުވެރިންވެސް މިހާރު ގެންދަނީ ވިދާޅުވަމުންނެވެ.

ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލްޘާނީ

އަނެއްކޮޅުން ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ބުރައެއްވެސް ތަހައްމަލް ކުރަންޖެހިފައިވަނީވެސް ތުރުކީއަށެވެ. މިހަނގުރާމައިގެ ސަބަބުން ސޫރިޔާގެ ތިން މިލިޔަނެއްހާ ރެފިއުޖީންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޚަރަދުތައްކޮށް އެމީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަމުން ގެންދަނީ ތުރުކީންނެވެ. ސޫރިޔާގެ ހަނގުރާމައާ އެކު ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެސް ތުރުކީ ވަނީ ވެފައެވެ. އިސްތަންބޫލްގެ އަތާތުރްކު އެއަރޕޯޓަށް މިދިޔަ ހަފްތާގައި އައިއެސް އިން ދިން ޓެރަރިސްޓް ހަމަލާތަކުގައި ތުރުކީގެ ތިރީސް އެތަށް ބަޔަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެ އެވެ. އޭގެ ކުރިން ވެސް މިބާވަތުގެ ބޮންގޮއްވުމުގެ އެތައްހަމަލާތަކެއް އައިއެސްއިން ތުރުކީއަށްވަނީ ދީފައެވެ.

ތުރުކީއަކީ ކުރިން އައިއެސްއަށް ނުސީދާ ގޮތުން ވާގިވެރިވި ކަމުގެ ތުހުމަތު ކުރެވިފައިވާ ގައުމެކެވެ. ޖިހާދުގެ ނަމުގައި އައިއެސްއާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުމަށް ސޫރިޔާއަށް ދާ ހަރުކަށި މީހުންގެ ފުރަތަމަ މަންޒިލަކަށް ވެފައިއޮތީ ތުރުކީއެވެ. މިފަދަ މީހުން ތުރުކީގެ ތެރެއިން ލާފައި އެދެޖަމާއަތާ ގުޅެމުންދާކަން އެނގޭއިރުވެސް ތުރުކީއޮތީ އަޅާނުލައެވެ.

ނަމަވެސް އައިއެސް ޖަމާއަތުގެ ހަމަލާތަކުގެ ޝިކާރައަކަށް ތުރުކީ ވުމުން މިފަދަ މީހުންނާމެދު ތުރުކީންވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފަ އެވެ. ސޫރިޔާގެ މައްސަލާގައި ތުރުކީގެ ސިޔާސަތު ބަދަލުވެއްޖެ ނަމަ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ވަރަށްބޮޑަށް ބަލިކަށިވެގެންދާނެ އެވެ. ސަބަބަކީ އެޖަމާއަތްތައް ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނީ ތުރުކީގެ ބިން ބޭނުންކޮށްގެން ކަމަށްވާތީ އެވެ. (ނޫސްއެޖެންސީތައް)